މާދަމާއިން ފެށިގެން ރާއްޖޭގެ 4 ރަށަކުން އެސްޓީއޯ ރޭޓުގައި މަސްވެރިންނަށް ތެޔޮ ލިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ކ. ގާފަރު ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ހިންމަފުށި، ކޫއްޑޫ، ފެލިވަރު އަދި އައްޑޫ ސިޓީ ހުޅުމީދޫގެ އެފްއެސްއެމްގެ ސައިޓުތަކުން މާދަމާއިން ފެށިގެން މަސްވެރިންނަށް އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ ކަމަށެވެ. މީގެ އިތުރުން ކޫއްޑޫ އަދި ފެލިވަރުގައި ހުރި މިފްކޯގެ ވެސަލްތަކުންވެސް އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ކޮންމެ އަތޮޅަކުން އަސާސީ ރޭޓެއްގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް، "ފިއުލް ސްޓޯރޭޖްތައް" ޤާއިމްކުރުމުގެ މަޝްރޫޢު އިފްތިތާޙްކޮށްފައިވަނީ މިދިޔަ މަހުގެ 7 ވަނަ ދުވަހުއެވެ. ރައީސް ވިދާޅުވީ ކުރިން ތާވަލުކޮށްފައިވަނީ އަންނަ އަހަރުތެރޭ ކޮންމެ މަހެއްގައިވެސް ކޮންމެވެސް އަތޮޅެއްގައި ފިއުލް ސްޓޯރޭޖްތައް ޤާއިމްކޮށް އަސާސީ ރޭޓުގައި ތެޔޮ ފޯރުކޮށްދިނުން ކަމަށެވެ. ނަމަވެސް އިތުރު މަސައްކަތްތަކެއް ކުރެވި، ތާވަލަށްވުރެ އަވަހަށް މި ޚިދުމަތް ފޯރުކޮށްދެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ފިއުލް ސްޓޯރޭޖްތައް ޤާއިމްކުރުމުގެ މަސައްކަތައް އަވަސްކުރުމަށް ޚާއްސަ އިސްކަމެއް ދެއްވާ ކަމަށެވެ. އަދި މަސްވެރިންނަށް އެންމެ ބޭނުންވާ ހިސާބުތަކުގައި ތެޔޮ ލިބޭނެ އިންތިޒާމުތައް އަވަހަށް ހަމަޖައްސައިދިނުމަށްވެސް އިސްކަންދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ތެލަކީ އަސާސީ ޚިދުމަތެއްގެ ގޮތުގައި ކަނޑައަޅައި، ރާއްޖޭގެ ކޮންމެެ ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ރަށުގައި އެސްޓީއޯ ރޭޓުގައި ރައްޔިތުންނަށް ޕެޓްރޯލާއި ޑީސަލް ލިބޭނެ ފަސޭހަ އިންތިޒާމެއް ހަމަޖެއްސެވުމަކީ ރައީސްގެ ރިޔާސީ ވަޢުދުފުޅެކެވެ. މި މަޝްރޫޢުގެ ދަށުން 19 ރަށެއްގައި މި އިންތިޒާމުތައް ހަމަޖައްސައި 2026 ގެ ފެބްރުއަރީގެ ކުރިން މި މަޝްރޫޢުގެ މަސައްކަތް ނިންމުމަށް އެސްޓީއޯއިން ވަނީ އަމާޒު ހިފާފައެވެ.









