ތައިލެންޑުގައި ހުންނަވާ ރާއްޖޭގެ ސަފީރަކަށް އިލެކްޝަން ކޮމިޝަން (އީސީ)ގެ ކުރީގެ ރައީސް ފުއާދު ތައުފީގު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ތައިލެންޑުގެ ސަފީރު ކަމަށް ފުއާދު އައްޔަންކުރަން ރުހުން ހޯދުމަށް މަޖިލީހަށް ފޮނުވީ މިދިޔަ މަހު 25 ވަނަ ދުވަހުއެވެ. އަދި އީސީގައި ފުއާދުގެ ދައުރު ހަމަވީ މިދިޔަ މަހު 23 ގައެވެ.
މަޖިލީހުގެ ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީން ވަނީ މައްސަލަ ދިރާސާކޮށް ފުއާދަށް ރުހުން ދޭން ނިންމާފައެވެ. އަދި މިއަދުގެ މަޖިލިސް ޖަލްސާގައި އޭނާއަށް ރުހުން ދިނުމަށް ވޯޓަށް އެހުމުން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 58 މެންބަރުންގެ އަޣުލަބިއްޔަތުން ވަނީ ރުހުން ދޭން ފާސްކޮށްފައެވެ.
ފުއާދު އިލެކްޝަންސް ކޮމިޝަނުން ވަކިވެވަޑައިގަތީ ކޮމިޝަންގައި ދެ ދައުރު ފުރިހަމަވުމުންނެވެ.
ޤާނޫނުގައިވާ ގޮތުން އީސީގެ މެންބަރުކަން ކުރެވޭނީ އެންމެ ގިނަވެގެން ދެ ދައުރެވެ. ދެވަނަ ދައުރަކަށް އޭނާ އެ މަޤާމަށް އައްޔަންކުރެއްވީ ނޮވެމްބަރު، 2019 ގައެވެ.
އިންތިޚާބުތަކާ ގުޅޭ ގިނަ ތަޖުރިބާތަކެއް ލިބިވަޑައިގެންފައިވާ ފުއާދު ވަނީ 1978 ވަނަ އަހަރުން ފެށިގެން އެކި އިންތިޚާބުތަކުގައި ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ.
މިހާރު ޢަމަލުކުރާ އާ ޤާނޫނުއަސާސީއާ އެކު އުފެއްދި އީސީގައި އޭނާ އެންމެ ފުރަތަމަ އަދާކުރެއްވީ އިންތިގާލީ ކޮމިޝަންގެ މެންބަރު ކަމެވެ. އޭގެ ފަހުން އެ ކޮމިޝަންގެ ރައީސްކަން ވެސް ކުރެއްވިއެވެ. އަދި ކޮމިޝަނަކަށް ބަދަލުވުމަށް ފަހު، 2009 ވަނަ އަހަރުގެ ނޮވެންބަރު މަހުން ފެށިގެން 2014 ވަނަ އަހަރުގެ މާޗު މަހާ ހަމައަށް އެ ކޮމިޝަންގެ ރައީސްކަން އޭނާ ކުރެއްވިއެވެ.
އޭގެ ފަހުން، ދެވަނަ ދައުރަކަށް އީސީގެ މެންބަރު ކަމަށް އޭނާ ވަޑައިގެން ކޮމިޝަންގެ ރައީސްކަމާ ހަވާލުވެވަޑައިގަތީ 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ.









