ޓޫރިސްޓު ވިސާގައި ރާއްޖެ އައިސް، ވިޔަފާރިކުރަމުން ދިޔަ ބިދޭސީއަކު އިމިގްރޭޝަނުން އިއްޔެ ހިފަހައްޓައިފިއެވެ.
އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ޓޫރިސްޓުން ރާއްޖެ އައިސް ވިޔަފާރިކުރުމުގައި އުޅޭ ކަމަށް ބުނާ ބައެއް މައްސަލަތައް އެ އިދާރާއަށް ލިބެމުންދާ ކަމަށެވެ. އަދި އެ މީހުން އާންމު ތަންތަނުގައި ދިރިއުޅެ، ނިދާ ކަމަށް ވެސް ރިޕޯޓް ލިބިފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އެގޮތަށް މާލޭގައި އުޅުނު ބިދޭސީއަކު އިއްޔެ ހިފަހައްޓާފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
ޓޫރިސްޓު ވިސާގައި ރާއްޖެ އަންނަ މީހުން ވިޔަފާރިކުރުމަކީ މަނާ ކަމެކެވެ.
އިމިގްރޭޝަނުން ހިފެހެއްޓީ ކުއިޕިން ފެންގް ނަމަކަށް ކިޔާ 33 އަހަރުގެ އަންހެނެކެވެ. އޭނާ ރާއްޖެ އައި ދުވަހެއް އިމިގްރޭޝަނުން އަދި ނުބުނެއެވެ.
އިމިގްރޭޝަނުން ބުނީ ޤާނޫނާ ޚިލާފު މިފަދަ ޢަމަލުތައް ކުށްވެރިކުރާ ކަމަށާއި ޤާނޫނުތަކަށް ތަބާވުމަށް އިލްތިމާސްކުރާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި، އެއީ ޓޫރިސްޓު ވިސާގައި ރާއްޖެ އައިސް، މާލޭގެ މަގުތައް މަތީގައި "ކީ ޗެއިން" ކަހަލަ ކުދިކުދި އެއްޗެހި ވިއްކައިގެން އާމްދަނީ ހޯދަމުން ދިޔަ މީހެކެވެ. އަދި އޭނާއަކީ ވާހަކަ ނުދެއްކޭ އަދި އަޑު ނީވޭ މީހެއް ކަމަށްވެއެވެ.
މި ސަރުކާރު އައިފަހުން އިމިގްރޭޝަނުން އަންނަނީ ރާއްޖޭގައި ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެ މަސައްކަތުގެ ދަށުން މިހާތަނަށް ވަނީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅުނު 5،000 ވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްފައެވެ.









