މަސްވެރިންނަށް މަސް ކިރާތާ 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރުމަށް ވެވަޑައިގެންނެވި ވަޢުދު ފުއްދަވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިފަދައިން ރައީސް ވިދާޅުވީ މިއަދު ކ. ގާފަރަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވި ގޮތުގައި، މާދަމާއިން ފެށިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި އެކައުންޓް އޮންނަ އޮޑިވެރިންނަށް މަސް ކިރާތާ 48 ގަޑިއިރުގެ ތެރޭގައި ފައިސާ ޖަމާކުރެވޭނެކަމަށެވެ. މިކަން ހަމަޖެއްސުމަށްޓަކައި އިއްޔެ ފިނޭންސް މިނިސްޓްރީ، މިފްކޯ އަދި ބޭންކް އޮފް މޯލްޑިވްސްއާ އެކު ޚާއްޞަ އެރޭންޖްމަންޓެއް ހަދާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
"މާދަމާއިން ފެށިގެން ބީއެމްއެލްގައި އެކައުންޓް އޮވެއްޖެނަމަ ކޮންމެ މަސް ދޯންޏަކަށް އެ ދޯންޏަކުން މަސް ކިރާތާ 48 ގަޑިއިރު ތެރޭގައި ފައިސާ ޖަމާކުރުމުގެ ކަންކަން އެ އޮތީ ހަމަޖައްސައިދީފައި. އިރާދުކުރެއްވިއްޔާ މާދަމާއިން ފެށިގެން މަސްވެރިންނަށް އަޅުގަނޑު ވީ ވައުދު ފުއްދެމުން ދާނެ," ރައީސް ވިދާޅުވިއެވެ.
މި ވަޢުދު ފުއްދުމުގައި ބައެއް ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހުނު ނަމަވެސް، މިހާރު އެ ދަތިތަކުން އަރައިގަނެވިފައިވާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އަދި މިހާތަނަށް ދޫނުކޮށް ހުރި 38 މިލިއަން ރުފިޔާ މިހާރު މަސްވެރިންނަށް ޖަމާކޮށްދެވިފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން، ކުރިއަށް އޮތް ތަނުގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި އެކައުންޓް ހުރި ފަރާތްތަކަށް ވެސް މި ޚިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.