އަންނަ އަހަރުގެ ބަޖެޓަކީ "ތަޅުން ނެއްޓި" ސަރުކާރުން އެދޭ ގޮތަށް ކަންކަން ކުރެވޭނެ ބަޖެޓެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ
އއ. އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގައި މަތިވެރީގައި އޮތް ޖަލްސާގައި ރައީސް ވިދާޅުވީ، އެންމެ އިސްކަންދެއްވާނީ ބޯހިޔާވަހިކަމަށާއި، ތަޢުލީމަށާއި، އަދި ޞިއްޙީ ދާއިރާއަށެވެ. އެގޮތުން، މިއަންނަ އަހަރު ބޯހިޔާވަހިކަމަށް 1.5 ބިލިއަން ރުފިޔާ ޚަރަދުކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ތަޢުލީމީ ދާއިރާ އާއި ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ނަތީޖާ ނެރުމަށް އިސްކަންދެއްވާނެ ކަމަށާއި، މިސަރުކާރަކީ ނަތީޖާ ނެރޭ، ވަޢުދުތައް ފުއްދާނެ ސަރުކާރެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، މަތިވެރީގައި އެއަރޕޯޓު އެޅުމުގެ މަސައްކަތް މިއަންނަ އަހަރު ފެށޭނެ ކަމުގެ އުފާވެރި ޚަބަރު ވެސް ރައީސް ދެއްވިއެވެ.
ރައީސް ވިދާޅުވީ، މެނިފެސްޓޯގައި ވެވަޑައިގެންފައިވާ ވަޢުދުތައް ތާވަލުކުރެވިގެން މިއަންނަ އަހަރުން ފެށިގެން ޙާޞިލުކުރުމަށް މަސައްކަތްކުރަން ފަށާނެ ކަމަށެވެ. އަދި މިހާރު އިޤްތިޞާދީގޮތުން ވަރުގަދަ ބިންގަލެއް ޤާއިމުކުރެވިފައިވާ ކަމަށާއި، ޕްރޮޖެކްޓުތައް ހިންގަން ފެށުމުން އިޤްތިޞާދު ރަނގަޅުވެގެންދާނެއެވެ.
ކުރީގެ ވެރިކަމަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ، މިހާރު އެއްވެސް ބޭރު އަސްކަރީ ބޫޓު ޖޯޑެއް ރާއްޖެއިން ނުފެންނާނެ ކަމަށާއި، ޓްރެއިނިންގއެއް ފިޔަވައި ރާއްޖޭގައި އެހެން އެއްވެސް ބޭރު އަސްކަރީ ބަޔަކަށް އާދެވޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުން ކަމަށް ވިދާޅުވިއެވެ.