ސިފައިންގެ ޤާބިލުކަން އިތުރުކުރުމަށް ބާއްވަމުން އަންނަ ސިލްސިލާ އެކްސަސައިޒް "ރަންނަމާރި ހަންޓް 2024" މިއަދު ރަސްމީކޮށް ފަށައިފިއެވެ.
މި އެކްސަސައިޒް ފެށުމުގެ ރަސްމިއްޔާތު މިއަދު ބޭއްވީ ބަންޑާރަކޮށީ އޮޑިޓޯރިއަމްގައެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހީމް ހިލްމީއެވެ. މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް ވަނީ އެކްސަސައިޒްގެ ބައިވެރިންނާ މުޚާތަބުކުރައްވާ ވާހަކަދައްކަވާފައެވެ.
މި މަހުގެ 8 އިން 19 އަށް ކުރިއަށްދާ މި އެކްސަސައިޒްގައި އެމްއެންޑީއެފްގެ ހުރިހާ ކޯރތަކުން ޖުމްލަ 39 ބައިވެރިން ބައިވެރިވެފައިވެއެވެ. މި އެކްސަސައިޒްގެ މައިގަނޑު މަޤްޞަދަކީ އެމްއެންޑީއެފްގެ އެކި ސާވިސްތަކުގެ މެދުގައި އޮޕަރޭޝަންތައް ހިންގުމުގައި ގުޅުން ބަދަހިކޮށް، ޖޮއިންޓް ޕްލޭނިންގއަށް އަހުލުވެރިކުރުވުން ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
އެކްސަސައިޒްގެ ތެރޭގައި ބައިވެރިންނަށް ޖޮއިންޓް ޕްލޭނިންގ ޕްރޮސެސް (ޖޭޕީޕީ) ކިޔަވައިދީ، ޢަމަލީ މައިދާނުގައި މި ޕްރޮސެސް ބޭނުންކުރާނެ ގޮތް ދަސްކޮށްދެވޭނެ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
އެކްސަސައިޒް ފެށުމުގެ ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސްގެ އިތުރުން އެމްއެންޑީއެފްގެ ހުރިހާ ކޯރތަކުގެ ކޮމާންޑަރުން ވެސް ބައިވެރިވެލެއްވިއެވެ.









