ސޫރިޔާގެ ރައީސް ބައްޝާރު އަލް-އަސަދުގެ ވެރިކަން ވެއްޓުނު ދަނޑިވަޅާއި ދިމާކޮށް އިސްރާއީލުގެ ޤައުމީ ދިފާޢީ ބާރުން ސޫރިޔާގެ ވެރިރަށް ދިމިޝްޤަށް ޙަމަލާދީފިއެވެ.
މި ޙަމަލާ ދީފައިވަނީ ރޭ ދަންވަރު ކަމަށް ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.
އިސްރާއީލުގެ މި ޙަމަލާ އަމާޒުކޮށްފައިވަނީ ހަމައެކަނި ދިމިޝްޤަށް ނޫންކަން ފާހަގަކުރެވެއެވެ. ސޫރިޔާގެ ދެކުނުގައި އޮންނަ ޚަލްޚަލާ އަސްކަރީ ވައިގެ ބަނދަރާއި އުތުރުގައި އޮންނަ ސުވައިދާ ސިޓީގެ މައި އަސްކަރީ މަރުކަޒަށްވެސް މި ޙަމަލާ އަމާޒުކޮށްފައިވާކަމަށް ވަނީރިޕޯޓުކޮށްފައެވެ.
އިތުބާރުހުރި މަސްދަރުތަކުން ހާމަކޮށްފައިވާ ގޮތުގައި، މި ޙަމަލާގެ މައިގަނޑު މަޤްޞަދަކީ ސޫރިޔާގެ އަސްކަރިއްޔާއިން ދޫކޮށްލާފައިވާ މިސައިލުތަކާއި ރޮކެޓުތައް ހަނގުރާމަވެރި ޖަމާޢަތްތަކުގެ އަތްދަށަށް ދިޔުމުގެ ކުރިން ނައްތާލުމެވެ. މިއީ ސޫރިޔާގެ ސަލާމަތީ ޙާލަތު އިތުރަށް ގޯސްވިޔަ ނުދިނުމަށް އިސްރާއީލުން އަޅާފައިވާ ފިޔަވަޅެއް ކަމަށް ބެލެވެއެވެ.
ފާއިތުވި ދުވަސްތަކުގެ ތެރޭގައި އިސްރާއީލުން ވަނީ ސޫރިޔާގެ އެކި ސަރަޙައްދުތަކަށް ވަރުގަދަ ޙަމަލާތަކެއް ދީފައެވެ. ނަމަވެސް ލުބުނާނުގެ ޙިޒްބުﷲއާ ދެމެދު ބަދަލުކުރަމުންދިޔަ ޙަމަލާތައް 14 މަސްދުވަހަށް ފަހު ހުއްޓާލުމާ ގުޅިގެން ސޫރިޔާއަށް އިސްރާއީލުން ދެމުންދިޔަ ޙަމަލާތައް ވަނީ މަދުވެފައެވެ.
މި ޙަމަލާއާ ގުޅިގެން ސޫރިޔާގެ ވަގުތީ ސަރުކާރުން އަދި އެއްވެސް ބަޔާނެއް ނެރެފައެއް ނުވެއެވެ. އަދި މި ޙަމަލާގައި މަރުވި އަދި ޒަޚަމްވި މީހުންގެ ޢަދަދު ވެސް ހާމަކޮށްފައެއް ނޫނެވެ.









