އައްޑޫ ސިޓީގެ ހުރިހާ ރަށެއްގެ ސީސީޓީވީ ކެމެރާތައް 24 ގަޑިއިރު މޮނިޓަރ ކުރެވޭ ގޮތަށް ފުލުހުންގެ ދެކުނު ކޯޑިނޭޝަން ސެންޓަރުގެ މަސައްކަތް ފަށައިފިއެވެ. މި ސެންޓަރު ހުޅުވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢުއެވެ.
ދެކުނު ސަރަހައްދުގެ ކޮމިއުނިކޭޝަން އެންޑް ކޯޑިނޭޝަން ސެންޓަރަކީ ފުލުހުންގެ ސައުތު ރީޖަން ކޮމާންޑުގައި ހިމެނޭ ގއ. އަދި ގދ. އަތޮޅުގެ އިތުރުން ފުވައްމުލަކު ސިޓީ އަދި އައްޑޫ ސިޓީގެ ފުލުހުންގެ ޚިދުމަތަށް ޚާއްޞަކޮށްގެން ޤާއިމްކުރެވިފައިވާ ސެންޓަރެކެވެ. މި ސެންޓަރު ޤާއިމްވުމާއެކު، މި ސަރަހައްދުގެ ރައްޔިތުންނަށް ފުލުހުންގެ ޚިދުމަތް ހޯދުމަށާއި، މަޢުލޫމާތު ސާފުކޮށް ފުލުހުންނަށް ދޭން ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމުގައި ފަސޭހަވެގެންދާނެ ކަމަށް ފުލުހުން ވިދާޅުވެއެވެ.
ސައުތު ޕޮލިސް ރީޖަންގައި ހިމެނޭ ހުރިހާ ރަށެއްގެ ފުލުހުންގެ ޚިދުމަތް ގުޅުވާލުމުގެ އިތުރުން، މި ސެންޓަރުން އައްޑޫ ސިޓީގައި މިހާރު ޤާއިމްކޮށްފައިވާ 300 އަށްވުރެ ގިނަ ސީސީޓީވީ ކެމެރާތައް މޮނިޓަރ ކުރެވޭނެއެވެ. މީގެ ތެރޭގައި އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ އިތުރުން ވަކިން އޮންނަ ހުޅުދޫ އާއި މީދޫގައި ޤާއިމްކޮށްފައިވާ ކެމެރާތައްވެސް ހިމެނެއެވެ.
ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ވިދާޅުވި ގޮތުގައި މިއީ މާލެ ސަރަހައްދުން ބޭރުގައި ޤާއިމްކުރެވޭ މިފަދަ ފުރަތަމަ ސެންޓަރެވެ. އަދި މި ސެންޓަރުގެ ބޭނުމަކީ ރައްޔިތުންނާއި ވީހާވެސް ގާތުން ޚިދުމަތް ދިނުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"މިއީ 24 ގަޑިއިރު ޚާއްޞަކޮށް އައްޑޫ ސިޓީ ބެލެހެއްޓިގެންދާނެ ސެންޓަރެއް. އަޅުގަނޑުމެންގެ މުވައްޒަފުން މިތަނުގައި 24 ގަޑިއިރު މަސައްކަތް ކުރާނެ. ކޮންމެ ވަގުތަކު ވެސް އަޅުގަނޑުމެންނަށް ޝައްކުކުރެވޭ ކަމެއް މި ކެމެރާތަކުގެ އެހީގައި އައިޑެންޓިފައި ކުރެވިއްޖެނަމަ، އެހިސާބުން ފެށިގެން ފުލުހުންގެ މަސައްކަތް ފެށިގެންދާނެ," ކޮމިޝަނަރ ޝުޖާޢު ވިދާޅުވިއެވެ.
ފުލުހުންގެ ސައުތު ޑިވިޝަން ކޮމާންޑަރ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޝަމީމް ވިދާޅުވީ މި ސެންޓަރުގެ ސަބަބުން ފުލުހުންނާއި ރައްޔިތުންގެ މެދުގައި އޮންނަ އިތުބާރު އިތުރުވެގެންދާނެ ކަމަށެވެ.
"ސެންޓަރަށް ގުޅާ ފަރާތެއްގެ މަޢުލޫމާތު އެ ފަރާތަކުން ސިއްރުކުރަން ބޭނުންނަމަ އެގޮތަށްވެސް މަޢުލޫމާތު ފޯރުކޮށްދެވޭނެ. އެހެންވީމާ ފުލުހުންނާއި ރައްޔިތުން ދެމެދު އޮންނަ އިތުބާރާއި ޔަޤީންކަމަށް މި ސެންޓަރުގެ ސަބަބުން ފަހިކަމެއް އަންނާނެ," ޝަމީމް ވިދާޅުވިއެވެ.
މި ސެންޓަރު ހުޅުވުނީ އައްޑޫ ސިޓީގައި ޤާއިމްކޮށްފައިވާ ފުލުހުންގެ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގައި ބޭއްވުނު ރަސްމިއްޔާތެއްގައެވެ.
މާލެ ސަރަހައްދުން ބޭރުގައި ޤާއިމްކުރެވުނު ފުރަތަމަ ކޯޑިނޭޝަން ސެންޓަރުގެ ސަބަބުން ފުލުހުން ރައްޔިތުންނަށް ދޭ ޚިދުމަތް އަވަސްވާނެ ކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި ކުރިއަށް އޮތްތަނުގައި މިފަދަ ސެންޓަރުތައް ރާއްޖޭގެ އެހެން ސަރަހައްދުތަކުގައިވެސް ޤާއިމްކޮށް ފުލުހުންގެ ޚިދުމަތް ލާމަރުކަޒީ ކުރުމަކީ އަމާޒެއް ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.









