އެއަރޕޯޓު މަޝްރޫޢަކީ އަރިއަތޮޅު އުތުރުބުރީގެ ތަރައްޤީއަށް މުހިންމު ފިޔަވަޅެއް: ރައީސް

އައިޝަތު ރުވާ ރިފްޢަތު | 150 ދުވަސް ކުރިން - 8 ޑިސެންބަރު 2024 17:15
ޚުލާސާ

އއ. އަތޮޅު ބާކީ ނުކުރައްވާނެކަމަށާއި އަދި އެއަރޕޯޓު މަޝްރޫޢަކީ އަތޮޅުގެ ތަރައްޤީއަށް މުހިންމު ކަމަކަށް ވާނެ ކަމަށް ރައީސް ފާހަގަކުރެއްވި.

އަރިއަތޮޅު އުތުރުބުރީގައި ހިންގުމަށް ރޭވިފައިވާ އެއަރޕޯޓު މަޝްރޫޢަކީ އެ އަތޮޅުގެ ތަރައްޤީއަށް މުހިންމު ފިޔަވަޅަކަށް ވާނެކަމަށާއި އެކަން ކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިފަދައިން ރައީސް ވިދާޅުވީ މިއަދު އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލާއި ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާގެތެރެއިންނެވެ.

މި ބައްދަލުވުމުގައި އއ. އަތޮޅު ކައުންސިލުގެ މެންބަރުން ވަނީ ޕާސްޕޯޓު ޚިދުމަތާއި އައިޑީ ކާޑުގެ ޚިދުމަތް އެއަތޮޅުން ލިބޭނެ ގޮތް ހައްދަވައިދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި އަތޮޅުގެ ރައްޔިތުންނަށް އާމްދަނީ ހޯދުމަށް ފަޅުގެ ބޭނުން ކުރެވޭގޮތް ފަހިކޮށް ދެއްވުމަށާއި އިތުރު އާމްދަނީ ހޯދޭނެ މަގުތައް ތަނަވަސް ކޮށްދެއްވުމަށް ވެސް އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުން ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމާ ގުޅޭގޮތުން ވެސް މަޝްވަރާކުރެވުނެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އއ. އަތޮޅު ބާކީ ނުކުރައްވާނެ ކަމަށާއި އަދި އެއަރޕޯޓު މަޝްރޫޢަކީ އަތޮޅުގެ ތަރައްޤީއަށް މުހިންމު ކަމަކަށް ވާނެކަން ފާހަގަ ކުރެއްވިއެވެ. އަދި މިއަންނަ އަހަރުގެ ތެރޭގައި ހުރިހާ އަތޮޅަކުން އައިޑީ ކާޑާއި ޕާސްޕޯޓްގެ ޚިދުމަތް ލިބޭނެ ގޮތް ހެދުމަށް މަސައްކަތް ފަށާފައިވާކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ޓޫރިޒަމް ޓެކުހުން ކައުންސިލް ތަކަށް ވަކި ޕަސެންޓެއް ދިނުމަށް އެމަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދު ހަނދުމަފުޅުކޮށްދެއްވައި، މިފަދަ ކަންކަމުން ކައުންސިލްތަކަށް އިތުރު އާމްދަނީ ލިބިގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މި ބައްދަލުވުމަކީ ރައީސުލްޖުމްހޫރިއްޔާގެ އަތޮޅުތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ބޭއްވުނު ބައްދަލުވުމެކެވެ. މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ އަތޮޅުގެ ތަރައްޤީއާއި ކުރިއެރުމަށް ބޭނުންވާ ކަންކަން ދެނެގަތުމާއި، އެކަންކަން ޙައްލުކުރުމަށް މަގުފަހިކުރުމެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%