ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މާލެ އަތޮޅުގެ ބައެއް ރަށްރަށަށާއި އަރިއަތޮޅު އުތުރުބުރީގެ ރަށްތަކަށް ފަށްޓަވާފައިވާ ދަތުރުފުޅުގައި އއ. ރަސްދޫއަށް ވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާއަށް ރަސްދޫންވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މި ދަތުރުފުޅުގައި ރަސްދޫއަށް ވަޑައިގެން، އެރަށުގެ ކައުންސިލާއި އަތޮޅު ކައުންސިލް އަދި އުކުޅަހު ކައުންސިލާއި ބައްދަލުކުރައްވައި، ރަށުގެ ތަރައްޤީއާއި ގުޅޭ މުހިންމު މަޝްވަރާތައް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މިއީ މާލެ އަތޮޅާއި އަރިއަތޮޅު އުތުރުބުރީގެ ރަށްތަކަށް ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅުގެ ދެވަނަ މަންޒިލެވެ. މިއަދުގެ ކުރީކޮޅު ރައީސް ވަނީ އއ. ތޮއްޑޫއަށް ޒިޔާރަތްކުރައްވާފައެވެ.
ރައީސްގެ މި ދަތުރުފުޅުގެ މައިގަނޑު މަޤްޞަދަކީ ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ބައްދަލުކޮށް، އެފަރާތްތަކުގެ ޝަކުވާތައް އަޑުއެއްސެވުމާއި، ރަށްރަށުގައި ކުރިއަށްގެންދާ އަދި ކުރިއަށްގެންދަން ބޭނުންވާ މަޝްރޫޢުތަކާ ބެހޭ މަޢުލޫމާތު ހޯއްދެވުމެވެ.
ރަސްދޫގައި މަޝްވަރާތައް ނިންމަވައި، ރައީސް ދެން ވަޑައިގަންނަވާނީ އއ. މަތިވެރިއަށެވެ. މަތިވެރީގައި ބައްދަލުކުރައްވާނީ އެރަށުގެ ކައުންސިލާއި ކައިރި ރަށްތަކުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއެވެ.
މާދަމާ ރައީސް ވަޑައިގަންނަވާނީ ކ. އަތޮޅުގެ ގާފަރު، ހުރާ އަދި ހިންމަފުށްޓަށެވެ. މި ރަށްރަށުގައިވެސް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ރައްޔިތުންނާއި ބައްދަލުކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.










