ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ޕީއެންސީގެ ކެންޑިޑޭޓުން ހޯދި ބޮޑު ކާމިޔާބީ ފާހަގަކުރުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން މިއަދު ހަވީރު އއ. ރަސްދުއަށް ވަޑައިގެންފި އެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން އާންމުކޮށްފައިވާ ދާއިމީ ނަތީޖާއިން ދައްކާގޮތުގައި، ރަސްދޫ ކައުންސިލްގެ ހުސްވެފައިވާ ތިން ގޮނޑީގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ހުރިހާ ގޮނޑިއެއް ވެސް ކާމިޔާބުކުރީ ސަރުކާރު ހިންގާ ޕީއެންސީންނެވެ. މިއީ ރަސްދޫގެ ސިޔާސީ ތާރީހުގައި އިދިކޮޅު އެމްޑީޕީއަށް މިހާތަނަށް ލިބުނު އެންމެ ބޮޑު ނާކާމިޔާބީގެ ގޮތުގައި ފާހަގަކުރެވެ އެވެ.
ރައީސް ޑރ. މުއިއްޒު ރަސްދުއަށް ވަޑައިގަތުމުން އެރަށުން އެމަނިކުފާނަށް ކިޔާފައިވަނީ ވަރަށް ހޫނު އަދި ކުލަގަދަ މަރުހަބާއެކެވެ. ރަށުގެ ބަނދަރު ސަރަހައްދު ޕީއެންސީގެ ރަސްމީ ކުލައިން ކުލައިން ޒީނަތްތެރިކޮށްފައިވާއިރު، ރަށުގެ ކުދިބޮޑު އެތައް ބަޔަކު އެ ކުލައިގެ ހެދުންތަކުގައި ބަނދަރު ސަރަހައްދަށް ޖަމާވެ ރައީސަށް މަރުހަބާ ދަންނަވާފައިވެ އެވެ. މިއީ ރާއްޖޭގެ ވެރިކަން ކުރެއްވި ބޭފުޅަކަށް އެރަށުން މިހާތަނަށް ކީ އެންމެ ހޫނު މަރުހަބާކަން ފާހަގަކޮށްލެވެ އެވެ.
މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދާއި، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ އިތުރުން ޕީއެންސީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ. ރަސްދޫގެ ގިނަ ރައްޔިތުން ވަނީ ރައީސާ ސަލާމްކުރައްވައި، އެމަނިކުފާނާއެކު ފޮޓޯ ނެންގެވުމުގައި ބައިވެރިވެފަ އެވެ.
ފާހަގަކޮށްލަންޖެހޭ ކަމަކީ، އިންތިހާބުތަކަށްފަހު ރަށްރަށުން ހޯދި ކާމިޔާބީ ފާހަގަކުރުމަށް ބާއްވާ މިފަދަ ހަރަކާތެއްގައި ރައީސް ޑރ. މުއިއްޒު ބައިވެރިވެވަޑައިގަންނަވާ މިއީ ފުރަތަމަ ފަހަރެވެ. މި ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން މިރޭ އެރަށުގައި ހާއްސަ އިވެންޓެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.









