އއ. ރަސްދޫގައި ކޮޓަރިއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ދެމަފިރިން ގައިގައި ރޯވީ އަންހެން މީހާ އޭނާގެ އަމިއްލަ ގަޔަށް ޕެޓްރޯލް އަޅައިގެން ހުއްޓާ ފިރިހެން މީހާ އޭނާ ހުއްޓުވަން އުޅުމުގެ ތެރޭގައި ކަން މައުލޫމާތު ލިބިއްޖެއެވެ.
މި ހާދިސާ ހިނގީ ދެމަފިރިން ދޭތެރޭގައި ޖެހުނު މައްސަލައެއްގައި ކަމެއް ސާފެއް ނޫނެވެ.
އުމުރުން 31 އަހަރުގެ ދެމަފިރިން މިހާރު އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާއިރު އެ ދެމީހުން ސަލާމަތް ކުރެވޭނެ ކަމުގެ އުންމީދު ކަނޑާލާފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އާއިލާއިން ވަނީ ބުނެފައެވެ.
ގެއެއްގެ އެޕާޓުމެންޓު ގޮތަށް ވަކިކޮށްހަދާފައި ހުންނަ އެޕާޓްމެންޓް ކޮޓަރިއެއްގައި މި ހާދިސާ ހިގާފައިވަނީ އިއްޔެރޭ 11:00 ހާއިރުއެވެ. އެ ގޭގައި އެ ދެމަފިރިން ފިޔަވައި އިތުރަށް އުޅެނީ އަންހެން މީހާގެ ބައްޕައާއި މަންމަ ކަމަށް އެރަށުގެ ކައުންސިލުން ވަނީ ބުނެފައެވެ.
ރަސްދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާއަށް ދެމަފިރިން މާލެ ގެނެސްފައިވަނީ ރޭ ދަންވަރުގެ ވަޤުތެއްގައެވެ.










