އިންޑޮނޭޝިއާގެ ސެންޓްރަލް ޕަޕުއާ ޕްރޮވިންސްގެ ޕާނިއާއީ ގައި ހުންނަ ބާޒާރެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި 11 މީހުން މަރުވެ، 20 މީހަކަށް އެކިވަރުގެ އަނިޔާ ލިބިއްޖެއެވެ.
އިންޑޮނޭޝިއާގެ ފުލުހުންނާއި ރަސްމީ އިދާރާތަކުން ހާމަކޮށްފައިވާ ގޮތުގައި، މަރުވި މީހުންގެ ތެރޭގައި އުމުރުން 2 އަހަރާއި 9 އަހަރާ ދެމެދުގެ 6 ކުޑަކުދިން ވެސް ހިމެނެއެވެ. މި ހާދިސާ ހިނގި މާރުކޭޓު ހުންނަނީ ފިހާރަތަކާއި އާންމުން ދިރިއުޅޭ ގެތައް ކައިރިކައިރީގައެއެވެ. ނަތީޖާއެއްގެ ގޮތުން އަލިފާންގަނޑު ވަރަށް ހަލުވިކަމާއެކު ފެތުރިގެންދިޔައެވެ.
މި ހާދިސާގައި މާރުކޭޓު ސަރަހައްދުގެ 49 ފިހާރައާއި ގެދޮރު އެއްކޮށް އަނދާ އަޅިއަށް ވެފައިވާއިރު، 148 މީހުންގެ ގެދޮރު ވަނީ ގެއްލިފައެވެ. އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނީ ސިފައިންނާއި ފުލުހުންގެ ފެންޖަހާ ވެހިކަލްތައް ބޭނުންކޮށްގެން، 3 ގަޑިއިރަށްވުރެ ގިނައިރު ކުރި މަސައްކަތުން ކަމަށާއި، އަލިފާނުގެ އަސަރުކުރި އާއިލާތަކަށް ފުލުސް އޮފީހާއި ސިއްހީ މަރުކަޒުތަކުގައި ވަގުތީ ހިޔާވަހިކަން ވަނީ ހަމަޖައްސައިދީފައި ކަމަށް ވެސް އިންޑޮނޭޝިއާއިން ބުނެއެވެ.
މި ހާދިސާ ހިނގި ސަބަބެއް އަދި ކަށަވަރެއް ނުވެއެވެ.









