އިންޑޮނޭޝިއާގެ "އަނަކް ކްރަކަޓޯއާ" އަލިފާން ފަރުބަދަ ގޮވައި، ޖައްވަށް އަޅިއާއި ދުން ފެތުރުމުގެ ސަބަބުން އެ ގައުމުގެ 6 އެއާޕޯޓެއްގެ ހިދުމަތް ވަގުތީގޮތުން މެދުކަނޑާލައި، 467 އަށްވުރެ ގިނަ ފްލައިޓް ކެންސަލްވުމާ ގުޅިގެން 150,000 އަށްވުރެ ގިނަ ފަސިންޖަރުން ތާށިވެއްޖެއެވެ.

އިންޑޮނޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރު ދުދީ ޕުރްވާގަންދީ ވިދާޅުވި ގޮތުގައި މީގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ ސިންގަޕޫރު، ދޯހާ، ސިޑްނީ އަދި ކުއާލަލަމްޕޫރު ފަދަ ބައިނަލްއަގުވާމީ ރޫޓްތަކަށެވެ. އެހެންކަމުން، ފްލައިޓްތައް އެހެން އެއާޕޯޓްތަކަށް ބަދަލުކުރުމަށާއި، ފައިސާ އަނބުރާ ދެއްކުން އަވަސްކުރުމަށް އެއާލައިންތަކަށް ވަނީ އިލްތިމާސްކުރައްވާފައެވެ.

ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގައި އަލިފާން ފަރުބަދަ ގޮވަން ފެށިފަހުން އެ ސަރަހައްދުގައި މެދުކެނޑުމެއްނެތި ބިންހެލުމުގެ އަސަރުތައް ކުރަމުންދާއިރު، އިންޑޮނޭޝިއާގެ މޫސުމާބެހޭ އިދާރާއިން ބުނީ އަޅިގަނޑު 50,000 ފޫޓު (15,000 މީޓަރު) އުސްމިނަށް އުފުލިފައިވާކަމަށެވެ. އަޅީގެ ސަބަބުން ސިއްހީ މައްސަލަތައް ކުރިމަތިވެދާނެތީ އާންމުން ގޭގައި ތިބުމަށާއި މާސްކު އަޅަން އިރުޝާދުދީފައިވާއިރު، ބައެއް ސުކޫލުތަކުގެ ހަރަކާތްތައްވެސް ވަނީ މެދުކަނޑާލާފައެވެ. ނަމަވެސް، މި ހާދިސާއާ ގުޅިގެން ސުނާމީގެ ނުރައްކަލެއް ނެތްކަން ވަނީ ކަށަވަރުކޮށްދީފައެވެ.