އިންޑޮނޭޝިއާގެ ސުމާތުރާއާއި ބޯނިއޯ އައިލެންޑްގެ ކާލިމަންތާން ސަރަހައްދުގެ ޖަންގަލިތަކުގައި ރޯވެ އަނދަމުންދާ ވަރުގަދަ އަލިފާނުގެ ސަބަބުން އުފެދިފައިވާ ނުރައްކާތެރި ދުމުގެ އަސަރު، ވަޔާއެކު އަވައްޓެރި މެލޭޝިއާއާއި ފިލިޕީންސަށް ފެތުރެން ފަށައިފިއެވެ.
މި ހާދިސާއާ ގުޅިގެން ސަރަހައްދީ ސިއްހީ އިދާރާތަކުން އާންމުންނަށް ސަމާލުވުމަށް އިލްތިމާސްކޮށްފައިވާއިރު، ބައެއް ސަރަހައްދުތަކުގެ ސުކޫލުތައް ބަންދުކޮށް ކިޔަވައިދިނުން ވަނީ އޮންލައިން ސިސްޓަމަށް ބަދަލުކޮށްފައެވެ.
މި ދުމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ އިންޑޮނޭޝިއާއާ އިމުން ގުޅިފައިވާ މެލޭޝިއާގެ ސަރަވާކް ސަރަހައްދަށާއި، ފިލިޕީންސްގެ މެޓްރޯ މެނީލާއަށެވެ. ފިލިޕީންސްގެ ވެރިރަށް މެނީލާގެ ގިނަ ސަރަހައްދުތަކެއްގެ ވައިގެ ނުރައްކާތެރިކަން ސިއްހަތަށް ގެއްލުންހުރި މިންވަރަކަށް މައްޗަށް ގޮސްފައިވާއިރު، މެލޭޝިއާގެ ސަރަވާކްގައި ވައިގެ ނުސާފުކަން ކަނޑުވައި، ވައިގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން ކްލައުޑް-ސީޑިންގް (ވިއްސާރަ ވެއްސުމުގެ) އޮޕަރޭޝަންތައް ހިންގުމަށް ވަނީ ތައްޔާރުވެފައެވެ. އިންޑޮނޭޝިއާގެ 6 ޕްރޮވިންސަކުން 1.4 މިލިއަނަށްވުރެ ގިނަ ދަރިވަރުންގެ ކިޔެވުން ވަނީ އޮންލައިންކޮށްފައެވެ.
ޔޫރަޕިއަން ޔޫނިއަންގެ ކޮޕަރނިކަސް ސަރވިސްއިން ލަފާކުރާ ގޮތުގައި މި އަލިފާނުގެ ސަބަބުން ވައިގެ ތެރެއަށް ދޫވި ވިހަ ގޭސް ވަނީ އާންމުކޮށް މި ދުވަސްވަރު ދޫވާ މިންވަރަށްވުރެ ހަތަރު ގުނަ މައްޗަށް ގޮސްފައެވެ.
ސިއްހީ އިދާރާތަކުން ވަނީ އާންމުން ބޭރުގައި އުޅުން މަދުކުރުމަށާއި، ކްލަބްތަކާއި ކުޅިވަރު ހަރަކާތްތައް ހުއްޓާލައި، ބޭރަށް ނުކުންނައިރު މާސްކް އެޅުމަށް އިލްތިމާސްކޮށްފައެވެ.









