އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ހުސްވެފައިވާ ދެ ގޮނޑިއަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
ރައީސް އޮފީހުން ކުރި އިއުލާނެއްގައި ބުނީ އެ ކޮމިޝަންގެ ދެ މެންބަރަކު އިސްތިއުފާ ދެއްވާފައި ވާތީ، ހުސްވެފައިވާ ދެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 16 ވަނަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށް މިހާރު ހުޅުވާލާފައިވާ ކަމަށެވެ.
އޭސީސީގެ މެންބަރު ކަމުން އިސްތިއުފާ ދެއްވާފައި ވަނީ ކޮމިޝަންގެ ނައިބު ރައީސް އަބްދުލްސަލާމާއި މެމްބަރު ތޯހާ މުހައްމަދެވެ.
އެ ދެ މެންބަރުން އިސްތިއުފާ ދެއްވީ ނުފޫޒު ފޯރުވުމާއި ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއްކޮށް، އެ ދެ މެންބަރުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމާފައި ވަނިކޮށެވެ.
އެ ދެ ބޭފުޅުންގެ އިސްތިއުފާގެ ސިޓީގައި ވިދާޅުވީ މަގާމުގެ ޒިންމާތައް މިނިވަންކަމާއި ނަޒާހަތްތެރިކަމާ އެކު، ގާނޫނުއަސާސީ އަދި ގާނޫނުގައި ބުނާ ގޮތަށް ތެދުވެރިކަމާއި އިހްލާސްތެރިކަމާ އެކު އަދާކުރަމުން ދަނިކޮށް، ކޮށްފައި ވަނީ އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއް ކަމަށެވެ. އަދި އިތުބާރު ނެތްކަމުގެ މައްސަލަ ބެލުމުން، ގާނޫނުން ހަވާލުކޮށްފައިވާ ޒިންމާތައް މިނިވަންކަމާއި އެކު އަދާކުރަން ހުރަސް އެޅޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
އޭސީސީގައި މިހާރު ތިއްބަވަނީ އެ ކޮމިޝަންގެ ރައީސް އާދަމް ޝާމިލާއި ޝިޔާމާ މުހައްމަދުގެ އިތުރުން ޝަޒްނާ ހާޝިމެވެ.









