މާލޭގައި ބަނގުރާ ވިއްކާ ކަމަށް ތުހުމަތުވާ ސްރީ ލަންކާގެ ދެ މީހުން ޑިޕޯޓްކުރަން ނިންމައިފި އެވެ.
ފުލުހުން މިއަދު ބުނީ އެ އިދާރާގެ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މިދިޔަ ބުރާސްފަތި ދުވަހު މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ހެންވޭރުގެ ގެއެއް ބަލައިފާސްކޮށް، ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެ ގެ ބަލައިފާސްކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މައްސަލާގައި ހައްޔަރުކުރީ ސްރީ ލަންކާގެ ދެ މީހުން ކަމަށްވާ ޕައްޓި ވިތަނަލަގެ ވިމޯޝާ ވިނަތަގެ، 27 އާއި ނުރުކުޝަން ކަވިންދަ ސިންގަޕުރަގެ، 21 އެވެ.
ފުލުހުން ބުނީ އެ ގެ ބަލައިފާސްކުރުމުން ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި 500އެމްއެލްގެ 116 ފުޅި އާއި ފަސް ލީޓަރުގެ ހަ ފުޅި ފެނިފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުން ޑީޕޯޓްކުރުމަށް މޯލްޑިވްސް އިމިގްރޭޝަންއާ މިހާރު ހަވާލުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.









