ޕާކިސްތާނު-އަފްޣާނިސްތާން ސަރަޙައްދީ ރޮނގު ކައިރީގައި ހިނގި ހަމަނުޖެހުންތަކެއްގައި ޕާކިސްތާނުގެ 6 ސިފައިންނާއި 22 ހަނގުރާމަވެރިން މަރުވެއްޖެކަމަށް ޕާކިސްތާނުގެ އަސްކަރިއްޔާއިން މިއަދު ހާމަކޮށްފިއެވެ.
ޕާކިސްތާނުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި ހަމަނުޖެހުންތައް ހިނގާފައިވަނީ ވަޒީރުސްތާނު ޕްރޮވިންސާއި އެ ޕްރޮވިންސާއި އިންވެގެން އޮންނަ ސަރަޙައްދުތަކުގައި އަސްކަރިއްޔާއިން ޖާސޫސީ ޙަރަކާތްތަކެއް ހިންގުމަށްފަހު، ތިން ޑިސްޓްރިކްޓެއްގައި ހަތިޔާރު ބޭނުންކޮށްގެންނެވެ.
މި ހާދިސާއާއި ގުޅިގެން ތަހްރީކީ ޠާލިބާން ޕާކިސްތާނު (ޓީޓީޕީ) އިން ބުނެފައިވަނީ އެ ޖަމާޢަތުގެ ހަނގުރާމަވެރިން ސަލާމަތީ ޗެކްޕޮއިންޓަކަށް ވަދެގަނެ ސިފައިން މަރާލާފައިވާ ކަމަށެވެ. ނަމަވެސް، މި ހާދިސާގައި މަރުވި ހަނގުރާމަވެރިންގެ ޢަދަދު އެ ޖަމާޢަތުން ހާމަކޮށްފައެއް ނުވެއެވެ.
ޓީޓީޕީއަކީ އަފްޣާނިސްތާނުގައި ޙަރަކާތްތެރިވާ ޠާލިބާނުންނާއި ތަފާތު ވަކި ޖަމާޢަތެކެވެ. ނަމަވެސް، މި ޖަމާޢަތުން ވަނީ އަފްޣާނިސްތާނުގައި ވެރިކަންކުރާ ޠާލިބާން ޖަމާޢަތަށް ވަފާތެރިވާނެ ކަމަށް ބުނެފައެވެ. ޓީޓީޕީން ޕާކިސްތާނުގައި ސަރުކާރު ވައްޓާލައި އިސްލާމީ ވެރިކަމުގެ ނިޒާމެއް ޤާއިމުކުރުމުގެ މަޤްސަދުގައި ކަމަށް ބުނެ ހަނގުރާމަކުރާތާ ގިނަ އަހަރުތަކެއް ވަނީ ވެފައެވެ.









