ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހެނދުނު އއ. ތޮއްޑޫއަށް ވަޑައިގެންފިއެވެ. މިއީ މާލެ އަތޮޅާއި އަރިއަތޮޅު އުތުރުބުރީގެ ރަށްތަކަށް ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅުގެ ފުރަތަމަ ބައެވެ. މި ދަތުރުފުޅުގައި ރައީސް ވަޑައިގަންނަވާނީ އއ. އަތޮޅުގެ 3 ރަށަކަށާއި ކ. އަތޮޅުގެ 3 ރަށަކަށެވެ.
ތޮއްޑޫއަށް ވަޑައިގަތުމުން ރައީސަށް ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. ތޮއްޑޫގައި ރައީސް ޑރ. މުޢިއްޒު އެރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި ބައްދަލުކުރައްވާނެއެވެ. އަދި ރަށުގެ ރައްޔިތުންނާ ވެސް ބައްދަލު ކުރައްވާނެއެވެ.
މިއަދުގެ ދަތުރުފުޅުގައި ރައީސް ދެން ވަޑައިގަންނަވާނީ ރަސްދޫއަށެވެ. ރަސްދޫގައި ބައްދަލުކުރައްވާނީ އެރަށު ކައުންސިލާއި އަތޮޅު ކައުންސިލް އަދި އުކުޅަހު ކައުންސިލާއެވެ. އޭގެފަހުން ހަވީރު މަތިވެރިއަށް ވަޑައިގަންނަވާނެއެވެ. މަތިވެރީގައި ބައްދަލުކުރައްވާނީ އެރަށުގެ ކައުންސިލާއި ކައިރި ރަށްތަކުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއެވެ.
މާދަމާ ރައީސް ވަޑައިގަންނަވާނީ ކ. އަތޮޅުގެ ގާފަރު، ހުރާ އަދި ހިންމަފުށްޓަށެވެ. މި ރަށްރަށުގައިވެސް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ރައްޔިތުންނާއި ބައްދަލު ކުރައްވާނެއެވެ.
މި ދަތުރުފުޅުގެ މައިގަނޑު މަޤްޞަދަކީ ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ބައްދަލުކޮށް، އެފަރާތްތަކުގެ ޝަކުވާތައް އަޑުއެއްސެވުމާއި، ރަށްރަށުގައި ކުރިއަށްގެންދާ އަދި ކުރިއަށްގެންދަން ބޭނުންވާ މަޝްރޫޢުތަކާ ބެހޭ މަޢުލޫމާތު ހޯއްދެވުމެވެ









