މާފަންނު މަދަރުސާގެ ކުރިއެރުމަށްޓަކައި ކޮށްދެވެން ހުރި ހުރިހާ ކަމެއް ކޮށްދެއްވާނެ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ މާފަންނު މަދަރުސާއަށް 40 އަހަރު ފުރުމާއި ގުޅިގެން މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް މުޢިއްޒު ވިދާޅުވީ، އަންނަ އަހަރު އެ ސްކޫލުގައި "ކާފައިންނާއި މާމައިންނަށް ފަސޭހައިން ވަދެވޭގޮތަށް" ގްރައުންޑް ފްލޯގައި ހޯލެއް އަޅައިދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި 40 އަހަރަކީ ޖީލެއް ބިނާކުރުމުގައި ވަރަށް ގިނަ ދުވަސްތަކެއް ކަމަށާއި، މާފަންނު މަދަރުސާއަކީ ފަޚުރުވެރި އެތައް ދަރިވަރުންތަކެއް އުފައްދާފައިވާ ސްކޫލެއް ކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ.
"އަޅުގަނޑު ހަމަ ދޭނެ ޔަޤީންކަމަކީ ސަރުކާރުން މާފަންނު މަދަރުސާގެ ކުރިއެރުމަށްޓަކައި ކޮށްދެވޭނެ، ކޮށްދޭން ހުރި އަދި ކޮށްދެވޭނެ ހުރިހާ ކަމެއް އިރާދަކުރެއްވިއްޔާ ކޮށްދޭނެކަމުގެ ޔަޤީންކަން ދެން" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ކޮމިއުނިޓީ ސްކޫލުތަކަކީ ވަރަށް މުހިންމު ތަންތަން ކަމަށާއި، ކޮމިއުނިޓީ ކޮންސެޕްޓުގައި ސްކޫލުތައް ހިންގުމަށްޓަކައި ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކައުންސިލާއި ހަވާލުކުރެވިފައިވާ ކަމަށެވެ. އަދި ސަރުކާރުން ފުރިހަމަ އެއްބާރުލުން ދީ، އެ ކޮންސެޕްޓް ހިންގުމުގައި ކުރިއަށް އޮތްތަނުގައި ދެވޭނެ ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށާއި މިހާރަށްވުރެ ރަނގަޅަށް ކަންތައްތައް ގެންދިއުމަކީ ސަރުކާރުން ވެސް އެދޭ ގޮތް ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ސްކޫލަށް ބޭނުންވާ އިތުރު ކަންކަމުގައި ވެސް ސަރުކާރުން އެއްބާރުލުން ދޭނެ ކަމަށާއި ބެލެނިވެރިންނާއި ޓީޗަރުން އެދޭ ގޮތަށް ކަންތައްތައް ބައްޓަން ކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.









