މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޖަލްސާއެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް އިންޒާރު ދިން މައްސަލަ ދިވެހި ފުލުހުން ތަޙުޤީޤު ކުރަން ފަށައިފިއެވެ.
ކުޅުދުއްފުށި ސިޓީގައި ރޭ ބޭއްވުނު އެމްޑީޕީގެ ޖަލްސާގައި އެ ޕާޓީގެ އެކްޓިވިސްޓަކު ވަނީ ރައީސް މުޢިއްޒަށް އިންޒާރު ދީފައެވެ. އޭނާ ބުނި ގޮތުގައި ކުރީގެ ރައީސް މުޙައްމަދު އަމީނަށް ރައްޔިތުން ނުކުމެ "ހަވަރަށް" ދިން ފަދައިން ރައީސް މުޢިއްޒަށް ވެސް އެފަދައިން ދޭނެއެވެ.
"ކެރިގެނޭ މި ތިބީ. މުޙައްމަދު އަމީނު ވެސް ކުޅުނީ ދުންފަތާއޭ. މީނަ މި ކުޅެނީ ގާނޫނުއަސާސީއާއޭ. މުޙައްމަދު އަމީނަށް ވެސް ވީ ގޮތް ފެނިގެންދާނެ ދިވެހިރާއްޖޭގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް. އެހެންވީމަ ގާނޫނުއަސާސީއާ ކުޅޭ ކަމަށްވަނީވިއްޔާ ފެންނާނެ، ރީތި ކެއްސެއް ލިބިގެންދާނޭ." އެމްޑީޕީ އެކްޓިވިސްޓް ބުނެފައިވެއެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުންގެ އޮފިޝަލް ވިދާޅުވީ، "އަޅުގަނޑުމެން މިހާރު ވާނީ މި މައްސަލަ ތަޙުޤީޤު ކުރަން ފަށާފަ. ރައީސުލްޖުމްހޫރިއްޔާއަށް އިންޒާރު ދިނުމަކީ ވަރަށް ސީރިއަސް ކަމެއް. މި މައްސަލައިގައި ހިމެނޭ ފަރާތުގެ ބަޔާން ނަގައި، ވީޑިއޯ ފުޓޭޖް ދިރާސާކޮށް، ތަޙުޤީޤު ފުރިހަމަ ކުރެވޭނެ."
މި ހާދިސާއާ ގުޅިގެން މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ނަރީޝް ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ. އޭގައި ވިދާޅުވެފައިވަނީ ހަމަނުޖެހުން ހިންގުމަށް ކައުންސިލްގެ ބިންތައް ނުދެވޭނެ ކަމަށާއި، ޤާނޫނީ އިމުގެ ތެރެއިން ކުރާ ކޮންމެ ކަމަކަށް ކޮންމެ ޕާޓީއަކަށް ވެސް ފުރުސަތު ލިބޭނެ ކަމަށެވެ.
އެމްޑީޕީން މި މަހުގެ 10 ވަނަ ދުވަހު މާލޭގައި އެއްވުމެއް ބޭއްވުމަށް ރާވާފައިވާއިރު، މި ހާދިސާއާ ގުޅިގެން އެ އެއްވުމާއި މެދު ކަންބޮޑުވުން ފާޅުކުރާ ފަރާތްތައް އިތުރުވެފައިވެއެވެ. ފުލުހުން ބުނި ގޮތުގައި އެ އެއްވުމުގައި އެއްވެސް ޤާނޫނާ ޚިލާފު ޢަމަލެއް ހިންގައިފިނަމަ ޤާނޫނީ ފިޔަވަޅު އަޅާނެއެވެ.









