ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން އަންނަ ހަފްތާގައި މުޒާހަރާއެއް ބޭއްވުމަށް ގޮވާލައްވައި، މަދަނީ ބަސްނޭހުމުގެ ހަރަކާތެއް ފަށާނެކަމަށް އިއުލާނުކުރައްވައިފިއެވެ. މިހާރު ޖަލުގައި ހުންނެވި އިމްރާން ޚާން ބުރާސްފަތި ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޑިސެމްބަރު 13 ވަނަ ދުވަހު ޕެޝަވާރުގައި މުޒާހަރާއެއް ބޭއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
އިމްރާން ޚާން މިގޮތަށް އިޢުލާން ކުރެއްވީ އޭނާގެ ސިޔާސީ ޕާޓީ، ޕާކިސްތާން ތަހްރީކް އިންސާފް (ޕީޓީއައި) އިން އިސްލާމާބާދުގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިންގިތާ ދުވަސްކޮޅެއް ފަހުންނެވެ. އިމްރާން ޚާން ވިދާޅުވެފައިވަނީ ނޮވެމްބަރު 25 ވަނަ ދުވަހު ހިނގި ހަމަނުޖެހުންތަކުގައި 12 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށާއި، މި ހާދިސާގެ މައްޗަށް ޝަރުއީ ތަޙުޤީޤެއް ހިންގަންޖެހޭ ކަމަށެވެ. އަދި މިދިޔަ އަހަރުގެ މެއި 9 ވަނަ ދުވަހު ހިނގި ހަމަނުޖެހުންތަކުގައި 8 މީހުން މަރުވި މައްސަލަ ވެސް ބަލަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އިމްރާން ޚާން އިތުރަށް ޝަރުތުކުރައްވާފައިވަނީ ހައްޔަރުކޮށްފައިވާ ހުރިހާ ސިޔާސީ މީހުން މިނިވަންކުރުމަށެވެ. މި ކަންތައްތައް ނުކޮށްފިނަމަ، ޑިސެމްބަރު 14 އިން ފެށިގެން މަދަނީ ބަސްނޭހުމުގެ ހަރަކާތެއް ފަށްޓަވާނެ ކަމަށް އިމްރާން ޚާން އިންޒާރު ދެއްވާފައިވެއެވެ. އަދި މީގެ ސަބަބުން ނުކުންނަ ނަތީޖާގެ ޒިންމާ ނަގަންޖެހޭނީ ސަރުކާރުން ކަމަށް އޭނާ ވިދާޅުވިއެވެ.
ނަމަވެސް، ސަރުކާރުން ބުނެފައިވަނީ ނޮވެމްބަރު 25 ވަނަ ދުވަހުގެ މުޒާހަރާގައި އެއްވެސް މީހަކު މަރުވެފައި ނުވާ ކަމަށެވެ. އަދި އިމްރާނަށް ތާއީދުކުރާ ފަރާތްތަކުން މިދިޔަ އަހަރުގެ މެއި 9 ވަނަ ދުވަހު އަސްކަރީ ތަންތަނަށް ހަމަލާދީފައިވާ ކަމަށް ސަރުކާރުން ބުނެއެވެ. މި ހަމަލާތައް ރޭވުމާއި ހިންގުމަށް އިރުޝާދު ދިނުމުގެ ތުހުމަތުގައި އިމްރާން ޚާންގެ މައްޗަށް ދައުވާ އުފުލާފައިވާއިރު، އޭނާ ވަނީ މި ތުހުމަތުތަކަށް އިންކާރުކުރައްވާފައެވެ.









