މުސާރަ ނުދޭތީ ކަމަށް ބުނެ، މުލިއާގެ ކައިރިއަށް މިއަދު އެއްވި ބިދޭސީންގެ ބަޔަކު މޯލްޑިވްސް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
އެނގިފައިވާ ގޮތުގައި، އެ މީހުން އެންމެ ފުރަތަމަ އެއްވީ ރައީސްގެ ރަސްމީ ގެކޮޅު، މުލިއާގެ ކައިރިއަށެވެ. އެއީ، އެއްވެ އުޅުން މަނާ ސަރަހައްދެކެވެ.
މުލިއާގެ ކައިރިއަށް އެއްވުމުން ފުލުހުން ވަނީ އެމީހުން މަޖީދިއްޔާ ސްކޫލް ކައިރިއަށް ފަހަތަށް ޖައްސައިފަ އެވެ. ފަހުން އެ ސަރަހައްދުގައި މުޒާހަރާކޮށް، އެތަނުން ދިއުމަށް ފުލުހުން ތަކުރާރުކޮށް އެންގުމުން ވެސް، ފުލުހުންގެ އަމުރަށް އެ މީހުން ވަނީ ނުކިޔަމަންތެރިވެފަ އެވެ.
އެހެންވެ، ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ވަނީ ވެހިކަލަކަށް އެމީހުން އަރުވައިގެން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އެ ސަރަހައްދުން 55 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އެއީ ބަންގުލަދޭޝްގެ 17 މީހަކާއި އިންޑިއާގެ 38 މީހުން ކަމަށް ފުލުހުން ބުންޏެވެ.
މުޒާހަރާކުރަން ނުކުތް މީހުންނަކީ ކޮން ކުންފުންޏެއްގައި މަސައްކަތްކުރާ ބައެއް ކަމެއް އަދި ނޭނގެ އެވެ.
ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނަށް އުޖޫރަ ނުދީ ގެންގުޅޭ މައްސަލަ އަބަދުވެސް ވަރަށް ބޮޑެވެ. މީގެ ކުރިން ވެސް މުސާރަ ނުދީގެން މާލެ ސަރަހައްދުގައި ބިދޭސީން މުޒާހަރާތައް ކޮށްފައިވެ އެވެ.
މި ސަރުކާރު ފެށުނު ފަހުން އަންނަނީ ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.









