ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ވިނަރެސް ފްލެޓުގެ ޓަވަރުތަކުގައި ކާރު ޕާކު ކުރާނެ ޖާގަ ދޫކުރަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުވާލި މުއްދަތު އިއްޔެ އިތުރުކޮށްފި އެވެ.
އެޗްޑީސީން ކުރިން އެ ފުރުސަތު ހުޅުވާލީ އިއްޔެގެ ނިޔަލަށެވެ. ނަމަވެސް މިހާރު ވަނީ އެ މުއްދަތު މި މަހުގެ 12 ވަނަ ދުވަހާއި ހަމައަށް އިތުރުކޮށްފަދީފަ އެވެ.
އެޗްޑީސީގެ އިއުލާނުގައ ބުނީ އެ އިމާރާތްތަކުން ޕާކިން ޖާގަތައް ދޫކުރުމަށް ނިންމާފައި ވަނީ ދެ މޮޑަލްއެއްގެ ދަށުން ކަމަށެވެ. އެއީ، އިމާރާތުގެ ތެރެއިން، ކާރު ރެޖިސްޓްރީކުރުމުގެ ހުއްދައާ އެކު، ޖުމްލަ 76 ޖާގަ އާއި އިމާރާތުގެ ބޭރުން ހަމައެކަނި ޕާކުކުރުމުގެ ބޭނުމަށް 78 ޕާކިން ޖާގަ އެވެ.
މި ޕާކިން ޖާގަތައް ވިއްކަނީ ވިނަރެސް ފްލެޓް ގަތުމުގެ އެއްބަސްވުމުގައި އެޗްޑީސީއާ އެކު ސޮއިކޮށްފައިވާ މައި-އެޕްލިކަންޓުންނަށެވެ. އަދި އެޗްޑީސީއަށް ދައްކަން ޖެހޭ އެއްވެސް ފައިސާއެއް ނުދައްކާ ހުރި މީހަކަށް ވެގެން ނުވާނެ އެވެ.
އެޗްޑީސީން ބުނީ ކޮންމެ މީހަކަށް ވެސް ދޫކުރާނީ އެއް ޖާގަ ކަމަށެވެ. އަދި އެ ޕާކިން ޖާގައަކީ ފްލެޓް ގަތުމުގެ އެއްބަސްވުމުގެ ދަށުން ދޫކުރެވޭ ޖާގައެއް ގޮތުގައި ހަމަޖައްސާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އިމާރާތުގެ ތެރެއިން ވިއްކާ ޕާކިން ޖާގަތަކުގެ ބީލަން ފެށޭ އަގަކީ 650،000ރ. އެވެ. ޕާކިން ޖާގަ ގަންނަ މީހުންނަށް އެ ޖާގައިގައި ކާރު ރަޖިސްޓްރީކުރުމުގެ ހުއްދަ ވެސް ދޫކުރާނެ އެވެ. އަދި ބީލަން ކާމިޔާބުކުރާ މީހުންނަށް ޕާކިން ޖާގައިގެ ޖުމްލަ އަގު ދެއްކުމަށް 30 ދުވަހުގެ މުއްދަތެއް ދޭނެ އެވެ.
އިމާރާތުގެ ބޭރުން ވިއްކާ ޕާކިން ޖާގަތަކުގެ ބީލަން ފެށޭ އަގަކީ 2،000ރ. އެވެ. އެއީ ފަސް އަހަރުގެ މުއްދަތަށް ކުއްޔަށް ދޫކުރާ ޖާގަތަކެކެވެ. މި ޕާކިން ޖާގަތައް ދޫކުރަނީ ހަމައެކަނި ޕާކުކުރުމުގެ ބޭނުމުގަ އެވެ. އެ ޖާގަތަކުގައި ރަޖިސްޓްރީ ކުރުމުގެ ހުއްދަ ނުދޭނެ އެވެ.









