ސަރުކާރުގެ ފެން ކުންފުނި، އެމްޑަބްލިއުއެސްސީން 400 މިލިއަން ރުފިޔާގެ ބޮންޑެއް ވިއްކަން ހުޅުވާލައިފިއެވެ. މި ބޮންޑު ވިއްކާނީ ދެ މަރުހަލާއަކަށް ބަހާލައިގެންނެވެ.
ފުރަތަމަ މަރުހަލާގައި 200 މިލިއަން ރުފިޔާގެ ބޮންޑަކަށް އިންވެސްޓުކުރުމަށް އެމްޑަބްލިއުއެސްސީގެ ވިޔަނި ޕޯޓަލް މެދުވެރިކޮށް މިހާރު ވަނީ ހުޅުވާލާފައެވެ. މި ބޮންޑު އިންވެސްޓުކުރާ ފަރާތްތަކަށް ފަސް އަހަރު ތެރޭ އަހަރަކު 7.5 އިންސައްތައިގެ އިންޓްރެސްޓް ލިބޭނެއެވެ.
ބޮންޑު ވިއްކުމުގެ މަގުސަދަކީ އެމްޑަބްލިއުއެސްސީން ހިންގާ މަޝްރޫއުތަކާއި ވިޔަފާރިތަކަށް ފައިނޭންސް ހޯދުމެވެ. މީގެ ތެރޭގައި ފެނާއި ނަރުދަމާގެ ޚިދުމަތަށް ބޭނުންވާ އިންވެސްޓުމަންޓުތަކާއި، އަތޮޅުތަކުގައި ކުރިއަށްދާ ނަރުދަމާ މަޝްރޫއުތައް އަވަސްކުރުމާއި، ކުންފުނިން އުފައްދާ ބައެއް ސާމާނުގެ ވިޔަފާރި ފުޅާކުރުން ހިމެނެއެވެ.
މި ބޮންޑު ކެޕިޓަލް މާކެޓަށް ނެރެދެނީ ފަސްޓް ނޭޝަނަލް ފައިނޭންސް ކޯޕަރޭޝަނުންނެވެ.









