ގދ. ތިނަދޫ ސިޓީއަކަށް ބަދަލުކުރިގޮތް ބަލައިދިނުމަށް އެދި ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ހުށަހަޅައިފިއެވެ.
މި މައްސަލަ ބަލައިދިނުމަށް އެދި އެލްޖީއޭއަށް ހުށަހަޅުއްވާފައިވަނީ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ޙިލްމީއެވެ.
ސައުދުﷲ މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކައުންސިލްތަކުގެ ބެލެނިވެރި ފަރާތްކަމަށްވާ އެލްޖީއޭއަށް ތިނަދޫ ކައުންސިލްގެ މަކަރާއި ހީލަތާއި އޮޅުވާލުމުގެ މައްސަލަ ބަލަންޖެހޭ ކަމަށެވެ.
ސައުދުﷲ ވަނީ މި މައްސަލަ ބަލައިދިނުމަށް އެދި މިދިޔަ މަހު ރައްޔިތުންގެ މަޖިލީހުގައި ވެސް އެދިފައެވެ. މި މައްސަލަ ބެލުމަށް އެދި މަޖިލީހަށް ސައުދުﷲ ހުށަހެޅުއްވި ސިޓީގައި ވިދާޅުވީ ޤާނޫނުގެ ތެރެއިން ތިނަދޫ ސިޓީއަކަށް ބަދަލުކުރުމަކީ ބޭނުންވާ ކަމެއް ނަމަވެސް ނިމިދިޔަ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި ތިނަދޫއަށް ސީޓީގެ ދަރަޖަ ދީފައިވަނީ ޤާނޫނާއި ޚިލާފަށް ކަމަށެވެ. އަދި އެކަން ކުރުމުގައި ތިނަދޫ ކައުންސިލުން ބޮޑެތި އޮޅުވާލުންތަކެއް އޮޅުވާލާފައިވާކަމަށްވެސް ސައުދުﷲ ވިދާޅުވިއެވެ. އެގޮތުން އެހެން ރަށްތަކުގެ ރަޖިސްޓްރީގައި ތިބި މީހުންނަށް ނޭނގި، އެމީހުންގެ ރަޖިސްޓްރީ ތިނަދޫއަށް ބަދަލުކޮށް، ތިނަދޫގެ ރަޖިސްޓްރީގައި ތިބި ގިނަ ބަޔަކު ޑަބަލްކޮށް ހިމަނާ، މީހުންގެ ނަމާއި ގޭގެ ނަންތައް އެކި ގޮތް ގޮތަށް ބަދަލުކޮށްފައިވާކަމަށް ސައުދުﷲ ވިދާޅުވިއެވެ.
މީގެ އިތުރުން މަރުވެފައިވާ މީހުންވެސް ދިރިތިބި ކަމަށް ހަދައި، ރަށްވެހިކަން ބަދަލުވެފައިވާ މީހުންވެސް ތިނަދޫގެ ރަޖިސްޓްރީގައި ހިމަނާފައިވާކަމުގެ ކަންބޮޑުވުން ގިނަ ބަޔަކު ފާޅުކުރަމުން އަންނަ ކަމަށް ސައުދުﷲ ވިދާޅުވިއެވެ.
އެލްޖީއޭއިން ރެންޑަމްކޮށް ޗެކްކުރި އިރު 307 މީހުންގެ އައިޑީކާޑު ނަންބަރު ވަނީ ތަކުރާރުވެފައި. ޑީއެންއާރުގެ ހިސާބުތަކުން ވެސް 8000 މީހުން ވެސް ތިނަދޫގައި ހަމަ ނުވޭ." ސައުދުﷲ ވިދާޅުވިއެވެ.
ސައުދުﷲ ވިދާޅުވީ އޮޅުވާލުންތަކެއްގެ ތެރެއިން ތިނަދޫ ސިޓީއަކަށް ބަދަލުކޮށްފައިވަނީ އެމްޑީޕީގެ މެޖޯރިޓީ އޮތް ކައުންސިލަރުން ހޮވުމަށްފަހު ކައުންސިލްގެ ރައީސް މޭޔަރުކަމަށް ވަޑައިގަތުމަށް ކަމަށް ބެލެވޭ ކަމަށެވެ. އަދި ރައީސް ޞާލިޙް އޭރު ތިނަދޫއަށް ދެން ވަޑައިގަންނަވާނީ ސީޓިއަކަށް ހައްދަވާފައިކަމަށް ވިދާޅުވެފައިވާކަން ވެސް ސައުދުﷲ ފާހަގަކުރެއްވިއެވެ.
ސައުދުﷲ ވަނީ ދައުލަތުގެ ފަރާތުން ދޭ ބްލޮކް ގްރާންޓްސް ފަދަ ފައިސާ މަކަރާއި ޙީލަތުން ނުހައްގުން ބޮޑު ޢަދަދަކުން ކައުންސިލުން ހޯދާކަމަށްވެސް ތުހުމަތުކޮށްފައެވެ. އަދި އެ ފައިސާއިން އެމްޑީޕީއަށް ނިސްބަތްވާ މީހުންނަށް ވަޒީފާ ދިނުމާއި، ބޭކާރު ދަތުރުތައް ރާއްޖެއާއި ރާއްޖެއިން ބޭރަށް ކުރަމުން އަންނަ ކަމަށް ސައުދުﷲ ތުހުމަތުކުރެއްވިއެވެ.









