ކުރީ ސަރުކާރުން ފަށާފައިވާ މަޝްރޫޢުތައް މަޑުޖެހުމެއްނެތި، ކުރިއަށްވުރެ ހަލުވި ސްޕީޑުގައި ކުރިއަށްދާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދަނީ ސާބިތުކޮށްދެމުންކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސެއިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިހެން ވިދާޅުވީ މިއަދު އއ. އުކުޅަހުގައި ސަރުކާރުން ތަރައްޤީކުރި ފުޓުބޯޅަ ދަނޑު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ނައިބު ރައީސް ވިދާޅުވީ ރިޔާސީ މެނިފެސްޓޯގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޢުދުވެވަޑައިގެންފައިވާ ގޮތަށް ކުރީ ސަރުކާރުތަކުން ރައްޔިތުންގެ ލާބައާއި މަންފާއަށް ފަށާފައިވާ އެއްވެސް މަޝްރޫޢުއެއް ހުއްޓާނުލައްވާނެކަމަށެވެ. އަދި އެ މަޝްރޫޢުތައް މި ސަރުކާރުން ކުރިއަށްގެންދާނީ ކުރިއަށްވުރެ ބާރު ސްޕީޑުގައި ކަމަށާއި އެއަށް ބޭނުންވާ ފައިސާ ހަމަޖައްސައި ރައްޔިތުންގެ ޙައްޤުގައި އެ މަޝްރޫޢުތައް ނިންމަވާނެކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
އއ. އުކުޅަހުގައި އަލަށް ހުޅުވި ފުޓުބޯޅަ ދަނޑަކީވެސް ރައީސުލްޖުމްހޫރިއްޔާ ވަޢުދުވެވަޑައިގެންނެވި ގޮތަށް މަޝްރޫޢުތައް ކުރިއަށްގެންދާކަމުގެ ހެއްކެއް ކަމަށްވެސް ނައިބު ރައީސް ވިދާޅުވިއެވެ.
ޒުވާނުންނާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، ނައިބު ރައީސް ވިދާޅުވީ ޒުވާނުން ބޭނުންވާ އެތައް ކަމެއް އެބަހުރިކަމަށާއި، އެކަންކަމުގައި ޒުވާނުން އަޑުއުފުލަން ޖެހޭ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުފުޅާއެކު އެކަންކަމަށް ސަރުކާރުން ޙައްލު ހޯދައިދޭނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑުމެން ޒުވާނުންގެ ފަރާތުން އެދޭ އެދުމަކީ ޒުވާނުން ބޭނުންވާ ކަންކަން ޒުވާނުން އެދޭށޭ. ޒުވާނުން އަޑުއުފުލަދޭށޭ. އެއީ ޒުވާނުން ޒުވާނުންގެ ގޮތުގައި އަޅުގަނޑުމެން ބަލައިގަންނަގޮތޭ. އެއީ އަޅުގަނޑުމެންގެ ޤައުމުގެ ހަކަތަ. އެ ހަކަތައިގައި ވަރުނެތިކަމުގައިވާނަމަ އަޅުގަނޑުމެންގެ ޤައުމެއް ނުހިނގާނެ." ނައިބު ރައީސް ވިދާޅުވިއެވެ.
ނައިބު ރައީސް އިތުރަށް ވިދާޅުވީ އުކުޅަހުގެ ޒުވާނުންގެ ކަންބޮޑުވުންތަކަށްވެސް ސަރުކާރުން ޙައްލު ހޯދައިދެއްވާނެ ކަމަށެވެ. އަދި އެހެން ރަށްރަށުގައި މިހާރުވެސް ވީރާނާވެފައިވާ ކުޅިވަރު ދަނޑުތައް އެބަހުރިކަމަށާއި އެ ދަނޑުތައްވެސް މި ސަރުކާރުން ތަރައްޤީކޮށް ނިންމާނެ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.








