ޗައިނާއާއި ރާއްޖޭގެ ގުޅުމުގެ ކުރިމަގު އޮތީ ވަރަށް އުޖާލާކޮށް ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު ވަން ލިޝިން ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ ސަފީރުކަމުގެ ދައުރު ހަމަވުމާ ގުޅިގެން މީސްމީޑިއާގައި ކުރެއްވި ވަދާޢީ މެސެޖުގައެވެ.
ސަފީރު ވަން ލިޝިންގެ މެސެޖުގައި، އެކަމަނާގެ ދައުރުގެ ތެރޭގައި ޗައިނާއާއި ރާއްޖޭގެ ގުޅުން ބަދަހިވެފައިވާ މިންވަރަށް އަލިއަޅުވާލައްވާފައިވެއެވެ. އެގޮތުން، 2022 ވަނަ އަހަރު ދެ ޤައުމުގެ ގުޅުމަށް 50 އަހަރު ފުރުނު ކަން ކުލަގަދަކޮށް ފާހަގަކުރެވުނު ކަމަށް ޚާއްޞަ ގޮތެއްގައި ފާހަގަކުރައްވާފައިވެއެވެ.
އަދި މިއަހަރަކީ ޗައިނާގެ ރައީސް ޝީ ޖިންޕިން ރާއްޖެއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅަށް 10 އަހަރު ފުރޭ އަހަރުކަމަށާއި، އެ ދަތުރުފުޅުގެ ތެރެއިން ސިނަމާލެ ބްރިޖުގެ މަސައްކަތާއި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢު ފެށުނު ކަމަށްވެސް ސަފީރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، މިއަހަރުގެ ޖަނަވަރީ މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެ، އައު ހަރުފަތަކަށް ގޮސްފައިވާ ކަމަށް ސަފީރު ވިދާޅުވިއެވެ. އެގޮތުން، ވިލިމާލޭގައި ތަރައްޤީކުރާ 100 އެނދުގެ ހޮސްޕިޓަލުގެ މަޝްރޫޢާއި މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢު ހަލުވި ދުވެއްޔެއްގައި ކުރިއަށްދާނެ ކަމަށް އެކަމަނާ ވިދާޅުވިއެވެ.
ސަފީރު ވަން ލިޝިން ވިދާޅުވީ، ދެ ޤައުމުގެ ވެރިންގެ އިރުޝާދާއެކު އެ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. އަދި ކުރިމަގުގައިވެސް އެ ގުޅުން އުޖާލާވެގެންދާނެ ކަމަށް ޔަޤީންކުރައްވާ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން އެކަމަނާގެ ސަފީރުކަމުގެ ދައުރުގައި ރާއްޖެއިން ލިބުނު އެއްބާރުލުމަށް ސަފީރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.









