އިންޑިއާގެ ސަފީރު މުނޫ މަހާވަރު، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް ވަދާއީ ޒިޔާރަތް ކުރައްވައިފި އެވެ.
ރައީސް އޮފީހުން ބުނީ ސަފީރު މުނޫ އަނބުރާ އިންޑިއާއަށް ވަޑައިގަތުމުގެ ކުރިން ރައީސްގެ އަރިހަށް ކުރެއްވި ޒިޔާރަތުގައި އިންޑިއާ އާއި ރާއްޖޭގެ ގާތް ގުޅުން ދެމެހެއްޓުމަށްޓަކައި ސަފީރު ކޮށްދެއްވި ބުރަ މަސައްކަތަށް ރައީސް ޝުކުރު އަދާކުރެއްވި ކަމަށެވެ. އަދި ރާއްޖޭގެ ތަރައްގީގައި އިންޑިއާ އިން މުހިންމު ދައުރެއް އަދާކުރާކަން ވެސް ރައީސް ފާހަގަކުރެއްވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
އިންޑިއާގެ ސަފީރު ވަނީ ރައީސް އާއި ދިވެހި ސަރުކާރުން އޭނާއަށް ދެއްވި އެއްބާރުލުމާއި އެހީތެރިކަމަށް ޝުކުރު އަދާކުރައްވައިފަ އެވެ.
އެ ބައްދަލުކުރެއްވުމުގައި، ދެ ގައުމުގެ ގުޅުން ކުރިއެރުވުމަށް އިންޑިއާ ސަފީރު ދެއްވާފައިވާ އެހީތެރިކަމަށް ރައީސް ޝުކުރު އަދާކުރެއްވި އެވެ. އަދި އިންޑިއާ ސަފީރުގެ، ސަފީރުކަމުގެ ދައުރަކީ ފަހަކަށް އައިސް ރާއްޖެއާއި އިންޑިއާގެ އެކުވެރިކަމާއި ދެ ގައުމުގެ ގުޅުން އާރޯވެގެންދިޔަ، މުހިންމު މަރުހަލާއެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް އާއި ސަފީރު ވަނީ މިދިޔަ އޮކްޓޯބަރު މަހު ރައީސް އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އިގްތިސާދީ އާއި މެރިޓައިމް ސެކިއުރިޓީގެ ދާއިރާއިން ދެ ގައުމުގެ ދެމެދުގައި ވެވުނު އެއްބަސްވުންތަކަށް އަލިއަޅުއްވައި، އެ އެއްބަސްވުންތަކުން ކުރާނެ ފައިދާތަކާއި އިންޑިއާއިން ރާއްޖޭގެ ތަރައްގީއަށް އެކި ދާއިރާތަކުން ދެމުން އަންނަ އެހީތެރިކަމާ ގުޅޭ ގޮތުން ވެސް މަޝްވަރާކުރައްވައިފަ އެވެ.
ރައީސް އޮފީހުން ބުނީ ދެ ގައުމުގެ ގާތް ގުޅުން ދަމަހައްޓައި، ހެދިފައިވާ އެއްބަސްވުންތަކާ އެއްގޮތަށް މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައީސް އާއި ސަފީރު ވެސް ދެއްވި ކަމަށެވެ. އަދި އިތުރު ދާއިރާތަކުން ގުޅުން ގާއިމްކުރުމާ ގުޅޭ ގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެ ބައްދަލުވުން ނިންމާލައްވަމުން ރައީސް ވަނީ އިންޑިއާ ސަފީރަށް ހެޔޮއެދުންތައް އަރިސްކުރައްވައި، ރާއްޖޭގެ ތަރައްގީގެ ކަންކަމުގައި އިތުރަށް ގުޅުން ބަދަހިކުރެއްވުމަށް ޝައުގުވެރިވެވަޑައިގަންނަވާ ކަމަށް ވިދާޅުވެފަ އެވެ.









