މިއަދުގެ ހަނގުރާމަތަކުގައި ބޭނުންކުރާ ހައިބްރިޑް ހަތިޔާރުތަކާއި ކައްޗަރީ ވިސްނުމުގެ ނުރައްކަލުން ދަފަރާވުމަށް ސަމާލުކަން ދިނުމަށާއި، މިފަދަ ހަނގުރާމަތަކާއި ކުރިމަތިލުމަށް ބޭނުންވާ ފަންނީ ހުނަރުތައް ދަސްކުރުމަށް ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް ޒުވާނުންނަށް އިލްތިމާސްކުރައްވައިފިއެވެ.

މިއަހަރުގެ ހުރަވީ ދުވަހުގެ މުނާސަބަތުގައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިރޭ ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، "21 ވަނަ ޤަރުނުގެ ތަހުޒީބާއި ތަމައްދުނުގެ އުކުޅުތަކާއި ގޮތްތައް ދަސްކުރުމަށް، އަދުގެ ކޮންމެ ބޭފުޅަކަށްވެސް އިލްތިމާސްކުރައްވާ" ކަމަށެވެ.

ޒުވާނުންގެ ކުރިއެރުމަށް އިސްކަން ދެއްވާ ނައިބު ރައީސް ވިދާޅުވީ، "ހައިބްރިޑް ހަނގުރާމައިން ދަފަރާވާން އަޅުގަނޑުމެންނަށް ކުރާންޖެހިފައިވާ ވަރަށް ގިނަ ކަންކަން އެބަހުރި" ކަމަށާއި، "ސައިބަރ ރައްކާތެރިކަމުގެ ތަމްރީނުތައްދީ، ނުރައްކާތައް ދެނެގަތުމުގެ އުކުޅުތައް ދަސްކޮށްދީ، އެކި ގޮތްގޮތުން ފެތުރޭ ދޮގު މަޢުލޫމާތާއި ދެކޮޅަށް މަސައްކަތް ކުރުމަށް މަޖުބޫރުވެފައި" ވާ ކަމަށެވެ.

ކައްޗަރީ ހަނގުރާމައިގެ ނުފޫޒުތައް ފެތުރުމުން ޤައުމުގެ އިޖްތިމާޢީ ބިންގަނޑަށް ދާއިމީ ގެއްލުން ލިބޭނެކަމަށް ވިދާޅުވެ، މީގެ ސަބަބުން އިޖްތިމާޢީ އެއްބައިވަންތަކަމާއި އިޤްތިޞާދީ ހަމަޖެހުމަށް ގެއްލުންވެ، އެތައް ޒަމާނަކަށް ދޮގު މަޢުލޫމާތު ފެތުރިގެންދާނެކަމަށް ނައިބު ރައީސް ހަނދާން ކޮށްދެއްވިއެވެ..

ޒުވާނުންނަކީ ފަންނީ ގޮތުން ހުނަރުވެރި ބަޔަކަށް ހެދުމަށްޓަކައި ސަރުކާރުން ކުރައްވާ މަސައްކަތްޕުޅުތަކުގައި ޢަމަލީގޮތުން ބައިވެރިވެ، ޤައުމީ ތަރައްޤީއަށް ބޭނުންވާ ލަނޑުދަނޑިތައް ޙާޞިލް ކުރުމަށް ނައިބު ރައީސް ޒުވާނުންނަށް ގޮވާލެއްވިއެވެ.