މަސްވެރިންގެ ކަންބޮޑުވުންތައް ހައްލުކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެންމެ އިސްކަމެއް ދެއްވާ ކަންތައް ކަމަށް ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ރައީސް މުޢިއްޒު މިއަދު ކެޔޮޅުންނާ ބައްދަލުކުރައްވާ، އެފަރާތްތަކުގެ ކަންބޮޑުވުންތައް ހައްލުކުރުމަށް މަޝްވަރާކުރެއްވުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މިނިސްޓަރ ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ރައީސް މުޢިއްޒަކީ ދިވެހި ތާރީޚުގައި މަސްވެރި ސިނާޢަތަށް ރިޔާސީ ދައުރެއްގައި އެންމެބޮޑު ޚިދުމަތެއް ކޮށްދެއްވާނެ ރައީސްކަން ޔަޤީންވަނީ ޒަޢާމަތުގެ ފުރަތަމަ އަހަރު އެކަނި ސިނާޢަތުގެ ތަރައްޤީއަށް ކުރައްވަން ފެއްޓެވި މުހިންމު ގިނަ މަސައްކަތްޕުޅުތަކުން ކަމަށެވެ.
ސިނާޢަތުގެ މަސްލަހަތުވެރިންނާ ގާތުން މަސައްކަތްޕުޅު ކުރެއްވުމަށް އަބަދުވެސް ވަރަށް ބޮޑު ސަމާލުކަމެއްދެއްވާ. މަސްވެރިންގެ ކަންބޮޑުވުންތައް ހައްލުކުރެއްވުމަކީ ރައީސް އެންމެ އިސްކަމެއް ދެއްވާ ކަންތައް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި ކެޔޮޅުން ވަނީ މަސްވެރިކަމުގެ ސިނާޢަތުގައި ރަނގަޅުކުރުމަށް ބޭނުންވާކަންކަން ރައީސް އާއި ޙިއްޞާކުރައްވާފައެވެ. އަދި މަހުގެ އަގު ދަށްކަމާއި، ފައިސާއާއި ތެޔޮ ލިބުމުގައި ހުރި ދަތިތަކާއި، މަސްކިރުމުގައި ހުރި ގޮންޖެހުންތައްވެސް ކެޔޮޅުން ވަނީ ރައީސް އާއި ޙިއްޞާކުރައްވާފައެވެ. މީގެ އިތުރުން، ރައީސްގެ ވަޢުދުފުޅާ އެއްގޮތަށް މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ކުރައްވާ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ކެޔޮޅުން އެދިވަޑައިގެންނެވިއެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި މަސްވެރިކަމުގެ ސިނާޢަތް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ކުރިއެރުވުމަށް ކުރެވިދާނެ ކަންކަން ވެސް ކެޔޮޅުން ވަނީ ޙިއްޞާކޮށްފައެވެ. މީގެ އިތުރުން މަސްވެރިކަމުގެ މާކެޓް އިތުރުކޮށް މަހުގެ ފެންވަރު ނުވަތަ ކޮލިޓީ ރަނގަޅު ކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުންވެސް ވަނީ މަޝްވަރާކޮށްފައެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ސަރުކާރުން މަސްވެރިންނާ އަދި ކެޔޮޅުންނާ ގާތުން، އެފަރާތްތަކުގެ ކަންބޮޑުވުންތަކަށް ޙައްލު ލިބޭނެގޮތަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލުކުރެއްވުމުގައި ފާހަގަކުރެއްވި ކަންކަން ވަރަށް ސީރިއަސް ގޮތެއްގައި ބައްލަވައި، އެކަންކަމަށް އަވަސް ފިޔަވަޅުތަކެއް އެޅުއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިއަދު ކުރިއަށްދިޔަފަދަ ބައްދަލުވުންތައް ގިނަ ގިނައިން ބޭއްވެވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.









