ހުރަވީ ދުވަހަކީ ޤައުމަށް އަމާނާތްތެރިވުމާއި ޤައުމަށް ޚިޔާނާތްތެރިވުމުގެ މިސާލު ފެންނަ ދުވަހެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރާ ހުރަވީ ދުވަހުގެ ތަހުނިޔާ ފޮނުއްވައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ހުރަވީ ދުވަހުގެ ބަޠަލް ދޮންބަންޑާރައިންގެ މަތިވެރި ޖިހާދާއި ރީތި އަޚްލާޤަކީ މިއަދު ލިބިގަންނަންވީ އެންމެ އަގުހުރި ފިލާވަޅު ކަމަށެވެ.
ހުރަވީ ދުވަހަކީ ހިޖުރީގޮތުން ކޮންމެ އަހަރެއްގެ ޖުމާދުލްއާޚިރާ މަހުގެ 3 ވަނަ ދުވަހު ފާހަގަކުރާ ދުވަހެކެވެ. މި ދުވަސް ނިސްބަތްވަނީ ހުރާ ދޮން ޙަސަންމަނިކުފާނު ނުވަތަ ދޮންބަންޑާރައިންނަށެވެ. ހިޖުރީ ގޮތުން 1166 ވަނަ އަހަރުގެ ޖުމާދިލްއާޚިރާ މަހުގެ ތިންވަނަ ދުވަހު، ދޮންބަންޑާރައިން އިސްވެހުންނަވައިގެން މާލާބާރީން ނުވަތަ ހޮޅީންގެ ކިބައިން ރާއްޖޭގެ މިނިވަންކަން ސަލާމަތް ކުރެއްވި ހާދިސާއަށް ނިސްބަތްކޮށް މި ދުވަސް ފާހަގަކުރެވެއެވެ.










