ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެއިން ހިލޭ ދޫކުރި ގޯތިތަކުގެ އަގު 5.4 ބިލިއަން ރުފިޔާއަށް އަރާ ކަމަށް އެޗްޑީސީން މިއަދު ބުނެފި އެވެ.
ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވީ ބިންވެރިޔާ ސްކީމުގެ ދަށުން ހިލޭ ދިން ބިންތަކަށް އެ ކުންފުންޏަށް 5.4 ބިލިއަން ރުފިޔާ ލިބެން ޖެހޭ އިރު މިހާތަނަށް އޭގެ އެއްވެސް މުޢާމަލާތެއް ނުހިންގާ ކަމަށެވެ.
އެ ސްކީމްގެ ދަށުން ހުޅުމާލެއިން ވަނީ މާލޭ ރައްޔިތުންނަށް 1،351 ގޯތި ދޫކޮށްފަ އެވެ.
"5.4 ބިލިއަން ރުފިޔާ އަކީ ބިންވެރިޔާ ސްކީމުގެ ކޮމްޕެންސޭޝަނެއްގެ ގޮތުގައި ހުށަހަޅައިގެން އުޅޭ އަގެއް. ސަރުކާރުން އެ ގޯތިތައް ދެއްވާފައި ހުރި އިރު ހުޅުމާލެއިން 5.4 ބިލިއަންގެ އިތުރުން ތިންވަނަ ފިޔަވަހި ހިއްކާ ޕްރޮޖެކްޓް ވެސް ކުރިއަށް ގެންދަން ޖެހޭ،" ފަޒުލް ވިދާޅުވި އެވެ.
ކުރީގެ ސަރުކާރުން ހިލޭ ދޫކުރި ގޯތީގެ ތެރެއިން އެޗްޑީސީގެ އިހުތިސާސްގައި ހިމެނޭ ބިންތަކުން ދިން ގޯތީގެ ބަދަލުގައި އެ ކުންފުންޏަށް މާލެ އަތޮޅުން ދެ ފަޅު ދޭން ވެސް ކުރިން އެއްބަސްވި އެވެ. އެ ދެ ފަޅުގެ އިތުރުން ގާތްގަނޑަކަށް 7.9 މިލިއަން ރުފިޔާ ވެސް ސަރުކާރުން ދޭން އޭރު އޮތީ އެއްބަސްވެފަ އެވެ. ނަމަވެސް، އެ މުއާމަލާތްތައް އެ ސަރުކާރު ނިމުނުއިރު ވެސް ނުހިނގަ އެވެ.
ކުރީގެ ސަރުކާރުން ވަނީ ހުޅުމާލެ، ގުޅިފަޅު އަދި ގިރާވަރުފަޅުން މާލޭ ރައްޔިތުންނަށް 9،000 އަށް ވުރެ ގިނަ ގޯތި ދޭން ނިންމައިފަ އެވެ.









