ވިޔަފާރީގެ ބޭނުމަށް އެޗްޑީސީން ދޫކޮށްފައިވާ ތަންތަނުން ލިބެން ޖެހޭ ފައިސާގެ ތެރެއިން މިހާތަނަށް 226 މިލިއަން ރުފިޔާ ހޯދިފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ފަޒުލް ވިދާޅުވީ އާ މެނޭޖްމަންޓުން އެ ކުންފުންޏާއި ހަވާލުވި އިރު، އެކި ފަރާތްތަކަށް އެޗްޑީސީން ދޫކޮށްފައިވާ ބިމާއި އިމާރާތްތަކުން ޖުމްލަ 1.4 ބިލިއަން ރުފިޔާ ނުލިބި ހުރި ކަމަށެވެ. އޭގެ ތެރޭގައި ލީސްގެ ގޮތުގައި ނުލިބި ހުރި 699 މިލިޔަން ރުފިޔާ އާއި ޑިވެލޮޕްމަންޓް އެންޑް ސޭލްސްގެ ގޮތުގައި ލިބެން ޖެހޭ 720 މިލިއަން ރުފިޔާ ހުރި ކަމަށް އޭނާ ވިދާޅުވި އެވެ.
ފަޒުލް ވިދާޅުވީ އެޗްޑީސީއާއި ހަވާލުވެވަޑައިގެން މި މައްސަލަ ހައްލުކުރުމަށް ކުންފުނީގައި ރިކަވަރީ ކޮމިޓީއެއް އުފެއްދެވި ކަމަށެވެ. އަދި އެ ކޮމިޓީން ކުރި މަސައްކަތުން މިހާތަނަށް 226 މިލިއަން ރުފިޔާ ހޯދިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމަކު، ފަޒުލް ވިދާޅުވީ އެ ކުންފުންޏަށް ޖުމްލަ ގޮތެއްގައި އެކި މުއައްސަސާތައް ހިމެނޭހެން އެކި ފަރާތްތަކުން ލިބެން ޖެހޭ 14 ބިލިއަން ރުފިޔާ އަދިވެސް ނުލިބި އެބަހުރި ކަމަށެވެ. އެ ފައިސާ ހޯދަން މީގެ ކުރިން މަސައްކަތް ކޮށްފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ކުންފުންޏަށް ބޭރުގެ ދަރަނީގެ ގޮތުގައި ލިބެން ޖެހޭ އަދަދު ބަލާލަން ޖެހޭ. އެގޮތުން މުޅި ދަރަނީގެ ގޮތުގައި 14 ބިލިއަން ރުފިޔާ އަޅުގަނޑުމެންނަށް ލިބެން ޖެހޭ. މީގެ ތެރޭގައި ހުރިހާ މުއައްސަސާތަކެއް ހިމެނޭ. މިއީ ވަރަށް ސިގްނިފިކަންޓް ޢަދަދެއް. މިއީ މަސައްކަތްތަކެއް ނުކުރެވި ހުރުމުގެ ނަތީޖާ މިއަދު އަޅުގަނޑުމެންނާއި މި ބައްދަލުކުރަނީ،" އޭނާ ވިދާޅުވި އެވެ.
ފަޒުލް ވިދާޅުވި ގޮތުގައި، އެޗްޑީސީއަށް ލިބެން ޖެހޭ ފައިސާ ހޯދުމަށް، އެކި ފަރާތްތަކާއި އެކު ވެފައިވާ އެއްބަސްވުންތައް ވެސް ބާތިލު ކުރުމަށް ވަނީ ނިންމައިފަ އެވެ. އަދި އޭގެ ކުރިން ފައިސާ ދެއްކުމަށް އަންގައި، ފައިސާ ދައްކައި ނިންމަން ބޭނުންވާ ފަރާތްތަކަށް ވަކި މުއްދަތެއްގެ ތެރޭގައި އެ ފައިސާ ދެއްކުމުގެ ފުރުސަތު ވެސް ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ފައިސާ ނުދައްކާ ނަމަ، އެ ފަރާތަކަށް ދީފައިވާ އިމާރާތް ނުވަތަ ބިން އަތުލުމަށް ކޯޓު މަރުހަލާއަށް ދިއުމަށް ވެސް ނިންމާފައިވާ ކަމަށް ފަޒުލް ވިދާޅުވި އެވެ.









