އިސްރާއީލުން ހިފާފައިވާ ފަލަސްތީނު ސަރަޙައްދުތަކުގައި ވަޒަންވެރިވުން ވީހާވެސް އަވަހަކަށް ނިމުމަކަށް ގެނައުމަށް ގޮވާލައި އދ. އަށް ހުށަހަޅާފައިވާ ގަރާރަށް އޮސްޓްރޭލިއާއިން ވޯޓު ދީފިއެވެ.
އެކުވެރި ދައުލަތްތަކުގެ ޖަމްޢިއްޔާގެ ޢާންމު މަޖިލީހުގައި ބޭއްވުނު ވޯޓުގައި އޮސްޓްރޭލިއާ އާއެކު 156 ޤައުމަކުން ވަނީ މި ޤަރާރަށް ތާޢީދުކޮށް ވޯޓު ދީފައެވެ. މީގެ ތެރޭގައި އިނގިރޭސިވިލާތާއި ކެނެޑާ ހިމެނެއެވެ. އެހެންނަމަވެސް އެމެރިކާއާއި އިސްރާއީލް ހިމެނޭ ގޮތަށް 8 ޤައުމަކުން ވަނީ މި ޤަރާރާއި ދެކޮޅަށް ވޯޓު ދީފައެވެ.
އޮސްޓްރޭލިއާއިން އދ. އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖޭމްސް ލާސެން ވިދާޅުވީ ދެ ދައުލަތުގެ ހައްލަކީ ނިމުމެއް ނެތް އަނިޔާވެރިކަމުގެ ދައުރު ނިންމާލުމަށް އޮތް ހަމައެކަނި އުންމީދު ކަމަށެވެ.
މި ޤަރާރުގައި އިސްރާއީލުން ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ ދަށުން އަދާކުރަންޖެހޭ ވާޖިބުތަކަށް ޢަމަލުކުރުމަށް އިސްރާއީލަށް ގޮވާލާފައިވެއެވެ. އަދި މިއަހަރުގެ ޖުލައި މަހު ފަލަސްޠީނުގައި ވަޒަންވެރިވުން ނިމުމަކަށް ގެނައުމަށް އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖޭ)އިން އިސްރާއީލުގެ މައްޗަށްކޮށްފައިވާ ހުކުމަށް ވެސް އިޝާރާތްކޮށްފައިވެއެވެ.
އޮސްޓްރޭލިއާގެ އިދިކޮޅު ލީޑަރު ޕީޓާ ޑަޓަން ވިދާޅުވީ މި ޤަރާރަށް ތާއީދު ކުރުން އިދިކޮޅުން ބަލައިނުގަންނަ ކަމަށެވެ. އަދި ފޯކަސް ކުރަން ޖެހޭނީ ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ ހަމާސް ޖަމާޢަތް ބަލިކުރަން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި ޤަރާރަށް އޮސްޓްރޭލިއާއިން ވޯޓު ދިނުމަކީ އެމެރިކާއާއި އޮސްޓްރޭލިއާއާ ދެމެދު ބައިބައިވުން އުފެދުން ކަމަށް ބޭރުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ. އެހެނީ މިއީ އޮސްޓްރޭލިއާގެ ވޯޓު ދިނުމުގެ ތާރީޚުގައި އައި ބޮޑު ބަދަލެކެވެ. 2003 ވަނަ އަހަރުން ފެށިގެން އޮސްޓްރޭލިއާއިން އަންނަނީ މިފަދަ ޤަރާރުތަކާއި ދެކޮޅަށް ވޯޓު ދެމުންނެވެ.









