މާލެ ސަރަޙައްދުގައި ހިއްކައިގެން ތަރައްޤީ ކުރަމުން އަންނަ ކ. ގުޅީފަޅު، ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ ބެލުމުގެ ދަށަށް ބަދަލު ކުރުމުގެ މަސައްކަތް ފަށައިފިއެވެ. މިހާތަނަށް ގުޅީފަޅު ބަލަހައްޓަމުން އައީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިންނެވެ.
އެފްޑީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގުޅީފަޅު އެ ކުންފުނީގެ ދަށަށް ބަދަލުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ. މިގޮތުން ލިޔެކިޔުންތައް ބަދަލުކުރުމާއި، މަޝްވަރާތައް ކުރިއަށްދާ ކަމަށް އެފްޑީސީން ހާމަކުރިއެވެ. އަދި ގުޅީފަޅާއި ގުޅޭ ގޮތުން ހަދާފައި ހުރި އެއްބަސްވުންތައް މުރާޖަޢާ ކުރުމުގެ މަސައްކަތްތައް ވެސް ކުރިއަށްދާ ކަމަށް އެފްޑީސީން ބުންޏެވެ.
މި ބަދަލު ގެނައުމުގެ ބޭނުމަކީ ސަރުކާރުން އެޗްޑީސީގެ ސައްތަ އިންސައްތަ ހިއްސާވާ ސަބްސިޑިއަރީ ކުންފުންޏަކަށް އެފްޑީސީ ބަދަލުކުރުމަށް ނިންމާފައި ވާތީއެވެ. މި ބަދަލާއި އެކު، އެޗްޑީސީން ބަލަހައްޓަމުން އަންނަ ސޯޝަލް ހައުސިންގ މަޝްރޫއުތަކާއި އަދި މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވޮލޮޕްމަންޓުގެ ބެލުމުގެ ދަށުން ހިންގަމުން އަންނަ ސޯޝަލް ހައުސިންގ މަޝްރޫއުތައް އެފްޑީސީގެ ދަށަށް ބަދަލު ކުރެވޭނެއެވެ. މީގެ އިތުރުން، ސިޓީ ކައުންސިލުން ފޯރުކޮށް ނުދޭ މުނިސިޕަލް ސަރވިސަސްތައް އެފްޑީސީގެ ދަށުން ފޯރުކޮށް ދިނުމަށް ވެސް ވަނީ ރޭވިފައެވެ.
ސަރުކާރުން މި މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވާ ސުންގަޑިއަކީ 1 ފެބުރުވަރީ 2025 އެވެ. މި ތާރީޚަށް އެޗްޑީސީގެ ސައްތަ އިންސައްތަ ހިއްސާވާ ސަބްސިޑަރީ ކުންފުންޏަކަށް އެފްޑީސީ ބަދަލުކުރުމާ ގުޅޭ އެންމެހައި މަސައްކަތްތައް ނިންމުމަށް ވަނީ ކަނޑައަޅާފައެވެ.









