މިހާރު ސީރީ އޭގައި ކުޅެމުންދާ ކުޅުންތެރިއަކު 2019 ވަނަ އަހަރު މެޑިކަލް ގައި ފެއިލް ވެފައިވާ ކަމަށް ލާޒިއޯގެ މެޑިކަލް އޮފިސަރު އިވޯ ޕަލްޗިނީ ބުނުމާއި ގުޅިގެން ވަރުގަދަ ތަހުގީގެއް ފެށިއްޖެއެވެ.
އިޓަލީ އަކީ ކުޅުންތެރިންގެ މެޑިކަލް ކަންތަކުގައި ވަރަށް ހަރުކަށި އުޞޫލުތައް ގެންގުޅޭ ޤައުމެކެވެ.
އިވޯ ޕަލްޗިނީ ބުނީ ކުޅުންތެރިއެއްގެ ހިތުގެ މައްސަލަތަކެއް ހުރުމުގެ ސަބަބުން "ފުޓްބޯޅަ ކުޅުމަށް ފިޓްނުވާ" ކަމަށެވެ. ނަމަވެސް އެ ކުޅުންތެރިއެއްގެ ނަމެއް އޭނާ ނުބުންޏެވެ.
ފިއޮރެންޓީނާގެ މިޑްފީލްޑަރު އެޑުއާޑޯ ބޯވެ އާދިއްތަ ދުވަހު ވެއްޓުނު ހާދިސާއާއިގުޅިގެން ކުޅުންތެރިންގެ މެޑިކަލް ޗެކްތަކުގެ މައްސަލަ އަލުން ސަމާލުކަމަށް އައިސްފައިވެއެވެ. މިހާރު އޭނާ ދަނީ ހޮސްޕިޓަލުގައި އިތުރު ޓެސްޓުތައް ހަދަމުންނެވެ.
ސީރީ އޭގައި ކުޅޭ ހުރިހާ ކުޅުންތެރިން ވެސް ޕްރޮފެޝަނަލް ފެންވަރުގައި ކުޅެވޭވަރުގެ ސިއްޙަތެއްގައި ހުރިކަން ކަށަވަރުކުރުމަށް ހަރުކަށި ޗެކްތަކެއް ހަދަންޖެހެއެވެ..
ލާޒިއޯގެ މެޑިކަލް އޮފިސަރު އިވޯ ޕަލްޗިނީ ބުނީ 2019 ވަނަ އަހަރު އޭނާ ވަރަށް މުހިންމު ކުޅުންތެރިއަކު ޗެކްކުރިއިރު، އެ ކުޅުންތެރިޔާ ފުޓްބޯޅަ ކުޅުމަށް ފިޓްނުވާކަމަށް ފެނުނު ކަމަށެވެ. ނަމަވެސް އޭރުގެ ޑިރެކްޓަރު އިގްލި ޓާރޭ އެ ކުޅުންތެރިޔާ ކޮންމެހެން ބޭނުންވުމުން ތިން ތަނަކުން ޗެކްކުރި ނަމަވެސް ހުރިހާ ތަނަކުން ވެސް ބުނީ އެއްވާހަކައެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މިހާރު އިޓަލީ ފުޓްބޯޅަ އެސޯސިއޭޝަންގެ ޕްރޮސެކިއުޓަރު ޖުސެޕޭ ޗިނޭ ވަނީ މިއީ ކޮން ކުޅުންތެރިއެއްތޯ އަދި ޓެސްޓު ކުރުމުގައި އެއްވެސް މަރުހަލާއެއް ދޫކޮށްލާފައިވޭތޯ ބެލުމަށް ތަޙުޤީޤެއް ފަށާފައެވެ.
ބައެއް ފަރާތްތަކުން މިހާރު ވަނީ ތާރީޚުތައް ބަލައި، މިއީ މިހާރު މިލާންގެ ޑިފެންޑަރު ސްޓްރަހިންޖާ ޕަވްލޮވިޗްގެ ވާހަކަ ކަމަށް ލަފާކުރަން ފަށާފައެވެ. އޭނާ 2019 ގައި ޕާޓިޒަން ބެލްގްރޭޑްގައި އުޅުނުއިރު ލާޒިއޯއަށް ބަދަލުވުމުގެ މެޑިކަލް ފެއިލްވެފައިވެއެވެ. އޭގެ ފަހުން އޭނާ ވަނީ އޭއެސް މޮނާކޯ، ސާކްލް ބްރޫޖް، އެފްސީ ބާސެލް، އާރްބީ ސޯލްޒްބާގް އަދި މިދިޔަ ޖުލައި މަހު 20 މިލިއަން ޔޫރޯއަށް މިލާނަށް ބަދަލުވެފައެވެ.-









