މަސްތުވާތަކެތީގެ ގާނޫނަށް ސަރުކާރުން ގެންނަން އުޅޭ އިސްލާހުގެ ސަބަބުން މަސްތުވާތަކެތި އެތެރެވާ ދޮރުތައް ބަންދުވެ، މި މައްސަލައަށް ހައްލު ލިބުމަށް މަގުފަހި ވާނެ ކަމަށް ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނައީމް ވިދާޅުވެއްޖެއެވެ.
މި ބިލަކީ މަސްތުވާތަކެތީގެ މައްސަލަތައް ތަހުގީގުކޮށް، ދައުވާކުރުމުގައި ހުރި ގޮންޖެހުންތައް ނައްތާލުމަށް ސަރުކާރުން ހުށަހަޅާފައިވާ ބިލެކެވެ.
މިއަދުގެ ބަހުސްގައި އަނާރާ ވިދާޅުވީ މި ބިލުގައި އަލަށް ކޮންޓްރޯލް ކުރަންޖެހޭ މަސްތުވާތަކެތި ކޮންޓްރޯލް ކުރުމުގެ ނިޒާމެއް ތަޢާރަފްކޮށް، އަލަށް މަސްތުވާތަކެތި ބޭނުންކުރަން ފަށާ މީހުން ދެނެގަނެ އެކަމުން ދުރުކުރުމުގެ ނިޒާމެއް ގާއިމްކުރެވޭނެ ކަމަށް ވިދާޅުވިއެވެ.
މެންބަރު އަނާރާ އިތުރަށް ވިދާޅުވީ މި ބިލުގައި ތަންފީޒީ ރަނގަޅު ނިޒާމެއް ގާއިމްކުރުމަށް ހަރުދަނާ އުސޫލުތަކެއް ހިމެނިފައިވާ ކަމަށެވެ. އަދި މަސްތުވާތަކެތީގެ ވަބާއިން ގައުމު ސަލާމަތްކުރުމަށް ބޮޑެތި އަދަބުތައް ކަނޑައަޅައި، ތަންފީޒުކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.
ސަރުކާރުން މި ބިލު ހުށަހެޅުއްވީ ދައުލަތުގެ ކަމާގުޅުންހުރި އިދާރާތަކުގެ މަޝްވަރާއާއެކު މަސްތުވާތަކެއްޗާބެހޭ ގާނޫނު މުރާޖަޢާކުރުމަށްފަހު، އެ ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށެވެ.









