ދުނިޔޭގެ ތިންވަނައަށް އެންމެ ބޮޑު އިޤްތިޞާދުގެ ގޮތުގައި ޖަޕާން ފަހަނައަޅައި ދިއުމުގެ މަގުމަތީގައި އިންޑިއާ އެބައޮތް ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ބުނެފިއެވެ.
އިންޑިއާގެ ޖީޑީޕީ މިހާރު އޮތީ 3.6 ޓްރިލިއަން ޑޮލަރުގައެވެ. ޖަޕާނުގެ 4.2 ޓްރިލިއަން ޑޮލަރާ އަޅާބަލާއިރު އިންޑިއާގެ އިޤްތިޞާދު ހަލުވިކަމާއެކު ކުރިއަރަމުން އަންނައިރު، 2027 ވަނަ އަހަރުގެ މެދުތެރޭގައި ބަދަލު އަންނާނެ ކަމަށް އައިއެމްއެފުން ލަފާކުރެވެ އެވެ.
އައިއެމްއެފުން ފާހަގަކުރާ ގޮތުގައި އިންޑިއާގެ މެދުފަންތީގެ ކުރިއަރަމުން އަންނަ މިންވަރާއި، ޑިޖިޓަލް ޓެކްނޮލޮޖީގެ ދާއިރާ ފުޅާވުމާއި، އަގުހެޔޮކޮށް ލޭބަރާއި ރޯ މެޓީރިއަލް ލިބޭނެ ގޮތްތައް ހިމެނެއެވެ. އިންޑިއާއިން ދަނީ ބޭރުގެ ބޮޑެތި އިންވެސްޓްމަންޓްތައް އެ ޤައުމަށް ގެނެސް ސަރަޙައްދީ ޤައުމުތަކާއި ވާދަ ކުރަމުންނެވެ.
އިންޑިއާގެ އާބާދީ ވެސް ކުރިއަރަމުންދާއިރު ޖަޕާނަށް ކުރިމަތިވެފައިވަނީ މަސައްކަތްކުރާ އުމުރުގެ އާބާދީ ދަށްވުމާއި ވިހެއުމުގެ ނިސްބަތް ދަށްވުމުގެ ސަބަބުން އިގްތިސާދީ ކުރިއެރުމަށް ހުރަސްއެޅިފައިވާ މަންޒަރެވެ. ޖަޕާނުގެ އިމިގްރޭޝަންގެ ހަރުކަށި ސިޔާސަތުތަކުގެ ސަބަބުން މައްސަލަ އިތުރަށް ގޯސްވެފައި ވާއިރު، ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިގްތިސާދު 18 ޓްރިލިއަން ޑޮލަރަށް އަރާ ޗައިނާއާ ދެމެދު އޮތް ފަރަގު އިންޑިއާއިން ކުޑަކުރުމަކީ އަދިވެސް ދުރު އަމާޒެއް ކަމަށް ތަޖުރިބާކާރުން ގަބޫލުކުރެ އެވެ.









