އިޓާލިއަން ސެރީ އޭ ގައި ތާވަލުގެ ދެވަނައިގައި އޮތް އެޓްލާންޓަ އަތުން 2-0 ލަނޑުން އޭއެސް ރޯމާ ބަލިވުމުން ކޯޗް ކްލޯޑިއޯ ރަނިއޭރީ އަށް އެކަން ހަޖަމެއް ނުވިއެވެ.
އެޓްލާންޓާ އޮތީ 31 ޕޮއިންޓާއެކު ދެވަނައިގައެވެ. ރޯމާ އޮތީ 14 މެޗުން ލިބުނު 13 ޕޮއިންޓާއެކު 15 ވަނައިގައެވެ. ރަނިއޭރީ ބުނީ އެޓްލާންޓައަކީ ލީގު ޗެމްޕިއަން ކަމަށް ވާދަކުރާ ޓީމެއް ކަމަށާއި އެހެންނަމަވެސް އޭނާގެ ޓީމް ވަނީ ބާރު ހުރިހާ ހިނދަކު ރަނގަޅަށް ކުޅެފައި ކަމަށެވެ.
"އަޅުގަނޑުމެންގެ ބާރު ހުރިހާ ހިނދަކު، އަޅުގަނޑުމެން އެމީހުންނާ ވާދަކޮށްފައިވާނެ،" ރަނިއޭރީ ސްކައި ސްޕޯޓްސް އިޓާލިއާ އަށް ބުންޏެވެ. "މިއީ އުޒުރެއް ނޫން، އެހެންނަމަވެސް ބުރާސްފަތި ދުވަހު ލަންޑަންގައި ކުޅެ، ހެނދުނު 5 ގައި އެނބުރި އައީ. ރަނގަޅަށް އަރާމު ވެސް ކުރެވުނީމާ މި ބަލިވުމަކީ އުޒުރެކޭ ނުބުނެވޭނެ” ރަނިއޭރީ ބުނީ ޓީމުން ދެއްކި ހިތްވަރަށް އޭނާ ޝުކުރުވެރިވާ ކަމަށެވެ. އަދި މިއަށްވުރެ ރަނގަޅު ނަތީޖާއެއް ނެރެވެން ޖެހޭނެ ކަމަށެވެ.
އެޓްލާންޓާއިން ދެ ގޯލު ބެސް ޖެހީ ފަހު ހާފުގައެވެ. ފުރަތަމަ ގޯލު 69 ވަނަ މިނެޓުގައި މާޓެން ޑި ރޫން ޖެހިއިރު ދެވަނަ ގޯލު ޖެހީ މެޗުގެ އެން،ެ ފަހު މިނެޓުގައި ނިކޮލޯ ޒަނިއޯލޯއެވެ.
ހުސްވި މަހު ރޯމާގެ ކޯޗު ކަމާއި ހަވާލު ރަނިއޭރީ ބުނީ ރޯމާގެ ކުޅުންތެރިން އޭނާއަށް ތަބާވާ ކަމަށާއި، އޭނާއަށް މިހާރު ތަބާވަމުންދާ ގޮތަށް ދެމިހުރެއްޖެނަމަ، ހާލަތު ބަދަލުކޮށްލާނެ ކަމަށެވެ.
ރޯމާ އާއި އެޓަލާންޓާ ވަނީ މުޅި ޖުމްލަ 46 ފަހަރު ބައްދަލުކޮށްފަ އެވެ. ރޯމާ 20 މެޗުން މޮޅުވެފައިވާއިރު، އެޓަލާންޓާ 16 މެޗުން މޮޅުވެފައިވާއިރު، 10 މެޗު ނިމިފައިވަނީ އެއްވަރުވެގެންނެވެ. އެޓަލާންޓާ އަތުން ރޯމާއަށް އެންމެ ބޮޑު މޮޅެއް ލިބުނީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު ސެރީއާގައި 4-1 އިން މޮޅުވި މެޗުގަ އެވެ. މި ކުރިމަތިލުންތަކުގައި ރޯމާއިން 71 ގޯލް ޖަހާފައިވާއިރު، އެޓަލާންޓާއިން ވަނީ މި މެޗުތަކުގައި 68 ގޯލު ޖަހާފައެވެ
ރޯމާ އިން ކުރިއަށް އޮތް މެޗު ކުޅޭނީ ސީރީ އޭގައި ލެޗޭ އާއި ދެކޮޅަށެވެ. މި މެޗަކީ ކުރިން ކުޅުނު މެޗަށްވުރެ ވެސް އުނދަގޫވާނެ މެޗެއް ކަމަށް ރަނިއޭރީ ބުނެއެވެ.
ރަނިއޭރީ ރޯމާއާއި މިފަހުން ޙަވާލުވެ ކުޅުނު ތިން މެޗުގެ ތެރެއިން ޔޫރޮޕާ ލީގުގައި ޓޮޓެންހަމާއި ދެކޮޅަށް ކުޅެ ވަނީ 2-2 އިން އެއްވަރު ކޮށްފައެވެ. 32 ޕޮއިންޓާއެކު އެއްވަނައިގައި އޮތް ނަޕޯލީ އަތުން ބަލިވީ 1-0 ލަނޑުންނެވެ.









