އުއްމީދު ކުރެވުނު ފަދައިން، 24 ލަނޑު ޖަހައި ކެޕޮކަނޮނިއޭރި މަގާމު ހޯދި ލައުޓާރޯ މާޓީނެޒް ވަނީ "އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާ" ގެ މަގާމު ހޯދައިފައެވެ.
އިޓަލީގެ ފުޓްބޯޅަ އެވޯޑްސް ކަމުގައިވާ "ގްރާން ގަލާ ދެލް ކަލްޗިއޯ 2024" ގައި ސެރީ އޭގެ ޗެމްޕިއަން އިންޓަރ މިލާންގެ ކެޕްޓަން އާޖެންޓީނާގެ ލައުޓާރޯ މާޓިނޭޒަށް އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ލިބިއްޖެއެވެ.
އިންޓަމިލާނަށް ގިނަ އެވޯޑުތަކެއް ރޭ ލިބުނުއިރު މިލާނުގައި ބޭއްވުނު މި ރަސްމިއްޔާތުގައި އިންޓަރގެ އިތުރުން ބޮލޮންޔާގެ ކުރީގެ ކުޅުންތެރިން ކަމަށްވާ ރިކާޑޯ ކަލަފިއޯރީ އާއި ޖޯޝުއާ ޒިރްކްޒީ ވެސް ވަނީ އެވޯޑް ހޯދައިފައެވެ.

އިޓަލީގެ ކުޅުންތެރިންގެ އެސޯސިއޭޝަން (އޭއައިސީ) ގެ މެމްބަރުން ހޮވާ މި އެވޯޑްތަކުގައި އިންޓަރ މިލާންގެ ކޯޗު ސިމޯނެ އިންޒާގީ ވަނީ "އަހަރުގެ އެންމެ މޮޅު ކޯޗު" ގެ މަގާމު ހޯދައިފައެވެ. އަދި އިންޓަރ މިލާން ވަނީ "އަހަރުގެ އެންމެ މޮޅު ކްލަބް" ގެ މަގާމު ހޯދައިފައެވެ.
އަހަރުގެ އެންމެ މޮޅު 11 ކުޅުންތެރިންގެ ތެރޭގައި މިހާރު ސެރީ އޭ ދޫކޮށް ގޮސްފައިވާ ދެ ކުޅުންތެރިން ވެސް ހިމެނެއެވެ. އެއީ މިހާރު އާސެނަލްގައި ކުޅޭ ޑިފެންޑަރު ކަލަފިންޑަރު ކަލަފިއޯރީ އާއި މެންޗެސްޓަރ ޔުނައިޓެޑްގެ ސްޓްރައިކަރު ޒިރްކްޒީ އެވެ. މި ދެ ކުޅުންތެރިން ވެސް ފާއިތުވި މޫސުމުގައި ކުޅުނީ ބޮލޮންޔާ އަށެވެ.

މާކަސް ތުރާމް ވަނީ "އަހަރުގެ އެންމެ މޮޅު ލަނޑު" ގެ އެވޯޑް ހޯދައިފައެވެ. އޭނާ މި އެވޯޑް ހޯދީ 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު މިލާނާ ދެކޮޅަށް ކުޅުނު ޑާބީ ޑެލާ މަދޮނީނާ މެޗުގައި ޖެހި ލަނޑަށެވެ. އެ މެޗުގައި އިންޓަރ މިލާން ވަނީ 5-1 އިން މޮޅުވެފައެވެ. މި އެވޯޑަކީ އާންމުންގެ ވޯޓުން ހޮވުނު ހަމައެކަނި އެވޯޑެވެ.
މީގެ 30 އަހަރު ކުރިން މިލާން އިން ބާސެލޯނާ އާ ދެކޮޅަށް 4-0 އިން މޮޅުވެ ޗެމްޕިއަންސް ލީގް ކަށަވަރުކުރި މެޗު ފާހަގަކުރުމުގެ ގޮތުން، ބިލީ ކޮސްޓަކުރްޓާ، ޑެމެޓްރިއޯ އަލްބެރްޓީނީ، ރޮބާޓޯ ދޮނަދޯނީ އަދި މައުރޯ ޓަސޮޓީ އަށް ވަނީ ޚާއްސަ "ލެޖެންޑް" އެވޯޑެއް ދީފައެވެ.









