ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އަށް ކަނޑުއަޑީގެ ސާޗް އެންޑް ރެސްކިޔުގައި ބޭނުންކުރާ ޑީޕް ޓްރެކަރ އަކާއި، އުސް އިމާރާތްތަކުގެ އަލިފާން ނިންވުމަށް ބޭނުންކުރާ ޑްރޯނެއް މިއަދު ހަދިޔާ ކޮށްފިއެވެ.
މި ދެ ވަސީލަތް ހަދިޔާ ކުރުމަށް މިއަދު ބަންޑާރަކޮށީގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތުގައި، ސްޓެލްކޯގެ ފަރާތުން މި ވަސީލަތްތައް އެމްއެންޑީއެފް އަށް ހަވާލުކޮށްދެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ، ޙުސައިން ފަޙުމީއެވެ. އެމްއެންޑީއެފްގެ ފަރާތުން މި ވަސީލަތްތަކާއި ހަވާލުވެ ވަޑައިގެންނެވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ.
މި ރަސްމިއްޔާތުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘްއާއި، އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި، ސްޓެލްކޯގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ހަދިޔާ ކުރެވުނު ޑީޕް ޓްރެކަރަކީ ކަނޑުއަޑީގެ ސާޗް އެންޑް ރެސްކިޔު މަސައްކަތްތަކުގައި ބޭނުންކުރާނެ މުހިންމު ވަސީލަތެކެވެ. އަދި ޑްރޯނަކީ އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާ ތަކުގައި ފެން ޖެހުމަށް ބޭނުން ކުރާނެ ޒަމާނީ ވަސީލަތެކެވެ.









