ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޗައިނާގެ ސަފީރު ވޮންގ ލީޒިން، މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްގެ އަރިހަށް ވަދާއީ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި ސަފީރު ވޮންގ ވަނީ މިސަރުކާރުން ވޭތުވެދިޔަ އެއްއަހަރުދުވަހުގެ ތެރޭގައި ހޯދާފައިވާ ކާމިޔާބީތަކަށް ތަޢުރީފްކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމާއި އިރުޝާދަށް އެކަމަނާ ވަނީ ޝުކުރު އަދާކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް ވަނީ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ސަފީރު ވޮންގ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ތަޢުރީފުކުރައްވައި، ސަފީރުގެ ހައިސިއްޔަތުން އެކަމަނާގެ އިސްނެންގެވުމާއެކު ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ޗައިނާ ސަރުކާރުން ރާއްޖެއަށް ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމާއި އެހީތެރިކަމަށްވެސް ޝުކުރު އަދާކުރައްވާފައިވެއެވެ.

މި ބައްދަލުވުމުގައި ދެބޭފުޅުން ވަނީ މަތީ ތަޢުލީމާއި، ޢުމްރާނީ ތަރައްޤީއާއި، ދަނޑުވެރިކަމާއި، ފަތުރުވެރިކަމުގެ ދާއިރާއިން ދޭދޭ ގުޅުންތައް ބަދަހިކުރައްވައި އިތުރަށް ކުރިއެރުވުމަށް ކާމިޔާބު މަސައްކަތްތަކެއް ކުރެވިފައިވާކަން ފާހަގަކުރައްވާފައެވެ. އަދި މިއީ އެއްބަޔަކު އަނެއްބަޔަކަށް އިޙްތިރާމްކޮށް، ދެމެހެއްޓެނިވި ރޫޙެއްގައި އެއްބާރުލުން ދީގެން ހޯދިފައިވާ ކުރިއެރުމެއްކަން ވެސް ފާހަގަކުރައްވާފައިވެއެވެ.

އެގޮތުން ދެބޭފުޅުން ވެސް ވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ދިވެހިރާއްޖެއާއި ޗައިނާގެ ގުޅުން އަދިވެސް އިތުރަށް ބަދަހިވެގެންދާނެކަމަށް ޔަޤީންކުރައްވާ ކަމުގައި ވިދާޅުވެފައެވެ.