2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް 6 މީހަކަށް އެޗްއައިވީ/އެއިޑްސް ޖެހިފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ ރާއްޖޭގައި އެޗްއައިވީ/އެއިޑްސް ފުރަތަމަ ފެނުނުތާ 33 އަހަރު ފާއިތުވެގެންދިޔައިރު، އެންމެ ގިނަ ކޭސްތައް އެއް އަހަރެއްގެ ތެރޭގައި ރިކޯޑު ކުރެވުނު އަހަރު ކަމަށް އެޗްޕީއޭއިން ފާހަގަ ކުރިއެވެ.
އެގޮތުން، ރާއްޖޭގައި އެޗްއައިވީ/އެއިޑްސްގެ ފުރަތަމަ ކޭސް ރިކޯޑުކުރެވުނީ 1991 ވަނަ އަހަރުއެވެ. އޭގެފަހުން މިހާތަނަށް ޖުމްލަ 49 މީހަކު މި ބައްޔަށް ޕޮޒިޓިވް ވެފައި ވާއިރު، އޭގެ ތެރެއިން 7 މީހުންނަކީ އަންހެނުންނެވެ. އަދި 43 މީހުންނަކީ ފިރިހެނުންނެވެ. މި ބަލީގައި މިހާތަނަށް 16 މީހަކު ނިޔާވެފައިވާއިރު، މިވަގުތު 32 މީހަކު ދަނީ ފަރުވާ ހޯދަމުންނެވެ.
އެޗްޕީއޭއިން މަޢުލޫމާތު ދިންގޮތުގައި، މުޖުތަމަޢުގައި މި ބަލީގެ ނުރައްކާ އޮތް މިންވަރު ދެނެގަތުމަށްޓަކައި ސަވައިލެންސް ޓެސްޓުކުރުން އިތުރުކޮށްފައި ވެއެވެ. އަދި މި ބަލި ފެތުރުމުގެ މައިގަނޑު އެއް ސަބަބަކީ ކައިވެނިން ބޭރުން ޖިންސީ ގުޅުން ހިންގުމުގެ ނުބައި އާދައެވެ. މީގެ އިތުރުން، އެއް ސިރިންޖު ބޭނުންކުރުމަކީ ވެސް މި ބަލި ފެތުރުމުގެ އެއް ސަބަބެވެ.
ސިއްޙީ މާހިރުން މި ކަމާއި މެދު ކަންބޮޑުވުން ފާޅުކުރައްވާއިރު، މުޖުތަމަޢުގެ ހުރިހާ ފަރާތްތަކެއް ގުޅިގެން މި ނުރައްކާތެރި ބަލި ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރުމުގެ މުހިންމުކަން ފާހަގަ ކުރައްވައެވެ. އިސްލާމްދީނުގައި އަންގަވާފައިވާ ގޮތަށް ޖިންސީ ގުޅުން ބޭއްވުމާއި، މަސްތުވާތަކެތީގެ ވަބާއިން މުޖުތަމަޢު ސަލާމަތްކުރުމަށް މަސައްކަތްކުރުމަކީ މިހާރު ކޮންމެހެން ކުރަންޖެހިފައިވާ ކަމެކެވެ.
އެއިޑްސް ބައްޔަށް ފަރުވާ އޮތްނަމަވެސް، އެންމެ ރަނގަޅު ގޮތަކީ ބަލިން ރައްކާތެރިވުމަށް މަސައްކަތްކުރުން ކަމަށާއި އަދި ބައްޔަށް ޓެސްޓުކުރުން ކަމަށް އެޗްޕީއޭއިން ބުންޏެވެ.








