ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ އަރބަން ޑިވެލޮޕްމަންޓްގެ ބިލު ތަޞްދީޤު ކުރައްވައިފިއެވެ. މި ބިލަކީ 2024 ނޮވެންބަރު މަހުގެ 27 ވަނަ ދުވަހު ބޭއްވުނު 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 55 ވަނަ ޖަލްސާގައި ފާސްކުރެވުނު ބިލެކެވެ.
މި ބިލުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގައި އަރބަން ސަރަޙައްދުތައް ކަނޑައެޅުމާއި، އެފަދަ ސަރަޙައްދުތައް ތަރައްޤީކުރުމާ ގުޅޭ ކަންކަން ހަރުދަނާ ޤާނޫނީ އޮނިގަނޑެއްގެ ދަށުން އިންތިޒާމުކުރުމެވެ. މީގެ ތެރޭގައި އަރބަން ސަރަޙައްދުތަކާއި އެފަދަ ސަރަޙައްދުތަކުގެ ޒޯންތަކާއި ގިންތިތަކާއި ބިމުގެ ބޭނުން ކަނޑައެޅުމާއި، އެފަދަ ސަރަޙައްދުތައް ތަރައްޤީކޮށް ހިންގުމުގެ އަސާސީ މިންގަނޑުތައް ކަނޑައެޅުން ހިމެނެއެވެ.
މި ޤާނޫނުގެ ދަށުން، ދިވެހިރާއްޖޭގައި އަރބަން ސަރަޙައްދުތައް ކަނޑައެޅުމާއި، އެ ސަރަޙައްދުތައް ތަރައްޤީކޮށް ހިންގުމާއި ގުޅޭ ޤައުމީ ސިޔާސަތު ކަނޑައަޅާނީ ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ. މި ސިޔާސަތުތައް ތަންފީޛުކުރުމުގެ މަސްއޫލިއްޔަތު ހަވާލުކުރެވިފައިވަނީ ޢުމްރާނީ ތަރައްޤީގެ ސިޔާސަތުތައް ތަންފީޛުކުރުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ޙަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.
އެގޮތުން މި ޤާނޫނުގެ ދަށުން "އަރބަން ޑިވެލޮޕްމަންޓް އޮތޯރިޓީ" ގެ ނަމުގައި އައު އިދާރާއެއް އުފެދޭނެއެވެ. މި އޮތޯރިޓީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި އަރބަން ސަރަޙައްދުތަކުގެ އަރބަން އޭރިޔާ ޑިވެލޮޕްމަންޓް މާސްޓަރ ޕްލޭން ތައްޔާރުކުރުމާއި، ތަރައްޤީކުރުމުގެ ހުއްދަތައް ދިނުމާއި، ތަރައްޤީގެ މަސައްކަތްތައް ވިލަރެސްކުރުން ހިމެނެއެވެ.
ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤުކުރެއްވުމާއި ގުޅިގެން، މި ޤާނޫނު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެވިފައެވެ. މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ ހަމަސް ފަހުންނެވެ.









