ޖަލުތަކުގައި ހުކުމް ތަންފީޒުކުރަމުންދާ ގައިދީންނަށް ހިންގޭ ރީހެބިލިޓޭޝަން ޕްރޮގްރާމްތަކާއި ގުޅުވައިގެން ހުކުމަށް ލުއި ދިނުމާއި، ހުކުމް މަޢާފުކޮށްދިނުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. މި ނިންމެވުން ނިންމެވީ އިއްޔެ ބޭއްވުނު ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީއިން ހުށަހެޅި ކަރުދާހަކާއި ގުޅިގެންނެވެ.

މި ނިންމެވުމުގެ ދަށުން، ޖަލުގެ އެތެރޭގައާއި ބޭރުގައި ތަފާތު މަސައްކަތްތައް ކުރުމުގެ ފުރުސަތު ގައިދީންނަށް ލިބިދެވޭނެއެވެ. މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީއާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ކަނޑައަޅާ އުސޫލުތަކާއި އެއްގޮތަށް މި ޕްރޮގްރާމްތައް ފުރިހަމަކުރާ ފަރާތްތަކަށް، ކަނޑައެޅޭ ނިޒާމެއްގެ ދަށުން ހުކުމަށް ލުއި ދިނުމާއި، ހުކުމް މަޢާފުކޮށްދިނުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މީގެ އިތުރުން، ރީހެބިލިޓޭޝަން ފްރޭމްވަރކަށް ޢަމަލުކުރަން ފެށުމަށާއި، ޖަލުތަކުގައާއި ޖަލުން ބޭރުގައި ގައިދީންނަށް ވަޒީފާ އަދާކުރެވޭނެ ފުރުސަތުތައް އިތުރުކުރުމަށް ވެސް ރައީސް ވަނީ ނިންމަވާފައެވެ. އަދި ރީހެބިލިޓޭޝަން ފްރޭމްވަރކާއި، މަޢާފުދިނުމާއި، ޕެރޯލް ހަމަޖެއްސުމާއި، ހުކުމަށް ލުއި ދިނުމުގެ ނިޒާމް ގުޅުވާލުމަށާއި، ކޮމިއުނިޓީ ސަރވިސް އިތުރަށް ފުޅާކުރުމަށް ފިޔަވަޅުތަކެއް އެޅުމަށް ވެސް ނިންމަވާފައިވެއެވެ.