ރާއްޖޭގައި ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީންގެ މައުލޫމާތާއި އިމިގްރޭޝަނާއި ގުޅުން ހުރި އެހެން މައްސަލަތައް ރިޕޯޓްކުރެވޭ ގޮތަށް ތައާރަފުކުރި އޮންލައިން ޕޯޓަލް "އިމިގްރޭޝަން ވޮޗް" އަށް ހަތަރު މަސްދުވަހުގެ ތެރޭގައި 1،000 އަށް ވުރެ ގިނަ މައްސަލަ ރިޕޯޓްކޮށްފި އެވެ.
އިމިގްރޭޝަނުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މިދިޔަ މަހުގެ ނިޔަލަށް "އިމިގްރޭޝަން ވޮޗް" އަށް 1،017 މައްސަލަ ރިޕޯޓްކޮށްފައިވާ ކަމަށެވެ.
"އިމިގްރޭޝަން ވޮޗް"ގެ ނަމުގައި އެ ޕޯޓަލް ތައާރަފުކުރީ މިދިޔަ ޖުލައި 17 ގަ އެވެ.
އިމިގްރޭޝަނުން މިއަދު އާއްމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން، މިހާތަނަށް ހުށަހެޅި މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައީ ބިދޭސީން ގަވާއިދާއި ހިލާފަށް ވިޔަފާރިކުރާ މައްސަލަތަކާއި ވޯކް ވިސާއާ ހިލާފުވުމުގެ މައްސަލަތަކެވެ. ބިދޭސީންނަށް ރާއްޖޭގައި ވިޔަފާރިކުރުމަކީ މަނާކަމެކެވެ.
ގަވާއިދާއި ހިލާފަށް ވިޔަފާރިކޮށްގެން 239 މައްސަލަ އާއި ވޯކް ވިސާއާއި ހިލާފުވެގެން ވެސް 239 މައްސަލަ ރިޕޯޓްކޮށްފައިވެ އެވެ.
ގާނޫނާއި ގަވާއިދާ ޚިލާފަށް ވިޔަފާރި ފަށައި ވަރަށް ފުޅާކޮށް ހިންގި މާރުކޭޓުތަކާއި ގެސްޓް ހައުސްތައް އަދި ކެެއިންބުއިމުގެ ހިދުމަތްދޭ ބައެއް ތަންތަން އިމިގްރޭޝަންގެ އޮޕަރޭޝަންގައި ވަނީ ބަންދުކޮށްފަ އެވެ. އެ ތަންތަނުގައި މަސައްކަތް ކުރި ގިނަ ބަޔަކު ހުއްޓުވައި އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ވެސް ގެންދިޔަ އެވެ.
ދެން އެންމެ ގިނައީ ހަށިވިއްކުމުގެ މައްސަލަތަކެވެ. އެ ބާވަތުގެ 65 މައްސަލަ ރިޕޯޓްކޮށްފައިވެ އެވެ.
ރިޕޯޓްކުރި މައްސަލަތަކުގެ ތެރެއިން 187 މައްސަލައަކީ ސައްހަ ނޫން މައްސަލަތައް ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.
މި ސަރުކާރު ވެރިކަމަށް އައިފަހުން އެންމެ އިސްކަންދީފައިވާ އެއް ކަމަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އަތުލައިގަނެ ޑީޕޯޓްކުރުމެވެ. މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ވަނީ ރާއްޖޭގައި ގަވާއިދާއި ހިލާފަށް އުޅުނު 5،000 އަށް ވުރެ ގިނަ ބިދޭސީން ޑީޕޯޓް ކޮށްފަ އެވެ.









