ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ކޮޕީރައިޓްސްގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު އެ މަޖިލީހުގެ އިއްތިފާޤުން ފާސްކޮށްފައެވެ. މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ނިލަންދޫ ދާއިރާގެ މެންބަރު ފާޠިމަތު ސައުދާ، މިދިޔަ ޖުލައި މަހުގެ 1 ވަނަ ދުވަހުއެވެ.
މި ބިލުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ހިމެނެނީ ކޮޕީރައިޓްގެ ޙިމާޔަތް ލިބިދޭ އުފެއްދުންތަކާއި ކޮޕީރައިޓާއި ގުޅޭ ކަންކަން އިތުރަށް ތަފްޞީލުކުރުމެވެ. މީގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށާއި، ވިޔަފާރި ފައިދާ ނުލިބޭ ގޮތަށް ދިރާސާކުރުމުގެ ބޭނުމަށް ކޮޕީރައިޓަޑް އުފެއްދުންތައް ނަކަލުކުރެވޭނެ އިތުރު ޙާލަތްތައް ކަނޑައެޅުންވެސް ހިމެނެއެވެ.
ބިލުގެ އެންމެ ފާހަގަކޮށްލެވޭ އެއް ބަދަލަކީ ކޮޕީރައިޓްގެ ޙައްޤުތަކަށް ޙިމާޔަތް ލިބިދެވޭ މުއްދަތު 50 އަހަރުން 70 އަހަރަށް އިތުރުކުރުމެވެ. މީގެ އިތުރުން، ކޮޕީރައިޓާއިގުޅޭ ޙައްޤުތައް ކަށަވަރު ކުރުމުގައި ދިމާވާ ބައެއް ދަތިތައް ޙައްލުކުރުމަށްމވެސް މި ބިލުގައި އަމާޒު ހިފާފައިވެއެވެ.
އިޤްތިޞާދީ ކޮމިޓީން މި ބިލު ދިރާސާކުރުމަށްފަހު، މިއަދު ބޭއްވުނު މަޖިލީހުގެ ޖަލްސާގައި ވޯޓަށް އެހުމުން، ޖަލްސާގައި ބައިވެރިވި 57 މެންބަރުންގެ އިއްތިފާޤުން މި ބިލު ފާސްކޮށްފައިވެއެވެ.
މި ބިލު ފާސްވުމާއި ގުޅިގެން، ކޮޕީރައިޓްގެ ދާއިރާގައި ގިނަ ބަދަލުތަކެއް އަންނާނެކަމަށް މެމްބަރުން ލަފާކުރައްވައެވެ. ޚާއްޞަކޮށް އުފެއްދުންތެރިންނާއި ފަންނާނުންނަށް މީގެ ފައިދާ ކުރާނެކަމަށާއި، މި ބިލުގެ ސަބަބުން ރާއްޖޭގައި އުފެއްދުންތެރިކަމުގެ ދާއިރާ އިތުރަށް ކުރިއަރައި، ޤައުމުގެ އިޤްތިޞާދަށްވެސް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް މިބިލާއި ބެހޭގޮތުން ވާހަކަ ދެއްކެވި މެމްބަރުން އުންމީދު ކުރައްވައެވެ..









