ރާއްޖޭގެ 20 އަހަރުގެ ގައުމީ ތަރައްގީގެ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތަށް އެހީތެރިކަން ދޭނެ ރާއްޖެ އާއި ބައިނަލްއަގުވާމީ ކޮންސަލްޓެންސީ ފާމެއް ހޯދަން ފިނޭންސް މިނިސްޓްރީން އިއްޔެ އިއުލާނުކޮށްފި އެވެ.
ފިނިނޭންސް މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ އެ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއައިއޯ) ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 16 ވަނަ ދުވަހާއި ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.
ކޮންސަލްޓެންސީ ފާމެއް ހޯދުމުގެ މަގުސަދަކީ ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށުން ކުރިއަށް އޮތް 20 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ދެމެހެއްޓެނިވި އިގުތިސާދީ، އިޖުތިމާއީ، ތިމާވެށި އަދި އާބަން ޑިވެލޮޕްމަންޓް ގައުމީ ތަރައްގީގެ ޕްލޭނެއް އެކުލަވާލުމެވެ. މި ޕްލޭންގައި، ނެޝަނަލް ޑިވެލޮޕްމަންޓް ޕްލޭން ފައިދާ ހުރި ގޮތެއްގައި ތަންފީޒު ކުރުމާއި މޮނިޓާކުރުމާއި އިވެލުއޭޓްކުރެވޭނެ ނިޒާމު ހިމަނަން ވާނެ ކަމަށް މިނިސްޓްރީގެ އިއުލާނުގައި ބުންޏެވެ.
ރާއްޖޭގެ 20 އަހަރުގެ ތަރައްގީގެ ގައުމީ ޕްލޭނަކީ ޔޫއެންޑީޕީ އާއި އޮސްޓްރޭލިއާ ސަރުކާރުގެ އެހީގައި އެއް އަހަރުގެ ދުވަހުގެ ތެރޭގައި އެކުލަވާލައިި ނިންމަން އަމާޒު ހިފާފައިވާ ޕްލޭނެކެވެ.
މި ޕްލޭން އެކުލަވާލުމުގެ މަސައްކަތުގެ ތެރެއިން ގާނޫނީ ބާރުވެރިކަން ހޯދުމަށް ގައުމީ ތަރައްގީގެ ގާނޫނުގެ ބިލެއް އެކުލަވާލައި، އެ ޕްލޭން ދެމެހެއްޓިނިވި ގޮތެއްގައި ތަންފީޒު ކުރުމަށް ބޭނުންވާ އިތުރު ބާރުވެރިކަން ހޯދުމަށް ގާނޫނުއަސާސީ އަށް މާއްދާއެއް އިތުރު ކުރުމަށް ވެސް ސަރުކާރުން ވަނީ ނިންމައިފަ އެވެ.
މި ޕްލޭންގެ މަސައްކަތް ފެށުމަށް މިދިޔަ މަހުގެ ހަ ވަނަ ދުވަހު ބައްދަލުވުމެއް ވެސް ބޭއްވި އެވެ.
ގައުމީ ތަރައްގީގެ 20 އަހަރު ދުވަހުގެ ޕްލޭނެއް އެކުލަވާލުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ.









