ސަރުކާރުން ދަނޑުވެރިކަމުގެ ވިޔަފާރިކުރާ އެގްރޯ ނެޝަނަލް ކޯޕަރޭޝަން (އެގްރޯނެޓް)ގެ ހިންގުން އިއްޔެ އިން ފެށިގެން ވަގުތީ ގޮތުން ހުއްޓާލައިފި އެވެ.
ކުރީގެ ސަރުކާރުން 2020 ގައި އުފެއްދި ކުންފުނިން ބުނީ، މިދިޔަ މަހުގެ 30 ގެ ފަހުން، އެގްރޯ ނެޓުން ދަނޑުވެރިންނާއި އެކު ހިންގަމުން ދިޔަ މުއާމަލާތްތައް ހުއްޓާލާފައިވާ ކަމަށެވެ.
އެގްރޯ ނެޓް އުވާލައި، އެ ކުންފުނީގެ ދަށުން ކުރާ މަސައްކަތް މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމެންޓް ފްރީ ޒޯން (އެމްއައިޑީއެފްސީޒެޑް)ގެ ދަށަށް ގެންދަން ނިންމީ، މިދިޔަ ސެޕްޓެމްބަރު މަހު އެވެ.
Advertisement

އެގްރޯނެޓްގެ ހިދުމަތްތައް ހުއްޓާލި ނަމަވެސް، އެއްވެސް މުވައްޒަފަކު އަދި ވަޒީފާއިން ވަކިކޮށްފަ އެއް ނުވެ އެވެ. މި ވަގުތު އެ ކުންފުނީގައި 182 މުވައްޒަފުން މަސައްކަތް ކުރެ އެވެ. މުވައްޒަފުން އާންމު އުސޫލުގެ ތެރެއިން އަންނަނީ ވަޒީފާއަށް ނުކުންނަމުންނެވެ.
އެގްރޯ ނެޓުން ބުނީ، އެ ކުންފުނި އުވާލައި މަސައްކަތްތައް އެމްއައިޑީއެފްސީޒެޑްގެ ދަށަށް ބަދަލުކުރާތީ، މިހާރު ކުރިއަށް ގެންދަނީ ޓްރާންސިޝަންގެ މަސައްކަތްތައް ކަމަށެވެ. އަދި ކުންފުނީގެ މަސައްކަތްތައް ހުއްޓާލުމާއި އެކު، ދަނޑިވެރިންގެ އަތުން ތަކެތި ގަތުމާއި ވިއްކުމުގެ މަސައްކަތްތައް ވެސް މި ވަގުތަށް މެދުކަނޑާލާފައިވާ ކަމަށް ބުންޏެވެ.
އެގްރޯ ނެޓް އުފެއްދުމުގެ ބޭނުމަކަށްވީ ދަނޑުވެރިކަން ކުރިއަރުވައި އެކި ބާވަތްތައް ހައްދައި ރާއްޖެއަށް އެ ބާވަތްތައް އެތެރެކުރާ އަދަދު މަދުކުރުމެވެ.







